ވިޔަފާރި

ކުންފުނިތަކުން އިތުރު ޚަރަދުކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެދިއްޖެ


ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުންފުނިތަކުން އިތުރު ޚަރަދު ކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެމިނިސްޓްރީން އެދިއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށާއި ވައިރަހުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ހުރިހާ ޚަރަދުތަކަކީ ދައުލަތަށް ގެއްލުން ނުވާނޭހެން ކުރެވޭ ޚަރަދުތަކެއް ކަމުގައި ހެދުމަށް ވަކި ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިރުޝާދު ދީފައިވާކަމަށެވެ.

އެހެންކަމުން 29 މާޗް އިން ފެށިގެން، ދައުލަތުގެ އެއްވެސް އޮފީހަކުން މިހާލަތުން އަރައިގަތުމަށް ކުރާ ޚަރަދު 35،000 އަށް ވުރެ ބޮޑުވާނަމަ އެޚަރަދެއް ކުރުމުގެ ކުރިން މިނިސްޓްރީއަށް ލިޔެކިޔުންތައް ހުށަހަޅާ ހުއްދަހޯދުމަށް ފިނޭންސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

އަދި ހުއްދައަށް އެދުމުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސީނިއަރ ލެވެލްގެ މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ރިވިއުކުރުމަށްފަހު މިކަމަށް ގޮތެއް ނިންމަވާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ މި ސަރކިއުލާގައި ބުނެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ޚަރަދު 1 ބިލިއަން ރުފިޔާއާއި ހަމައަށް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ބޭރުގެ ދަތުރުފަތުރާއި، މަރާމާތާއި، ހިންގުމުގެ ޚަރަދާއި ހަރުމުދާ ގަތުން ފަދަ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި ކުންފުނިތަކާއި މިނިވަން މުވައްސަސާތަކުގައި ތިއްބަވާ އިސް ބޭފުޅުންގެ މުސާރައިން %20 އުނިކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.