ޚަބަރު

ސްޓެލްކޯގެ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ދެނީ


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު، ސްޓެލްކޯގެ ބައެއް ޚިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުޞަތު އެކުންފުނިން ހުޅުވާލައިފިއެވެ.

މިގޮތުން ގްރޭޓާ މާލޭ ސަރަހައްދަށް މިވަގުތަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ގޭގައި ތިބެގެން ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ސްޓެލްކޯއިން މިގޮތަށް ހަމަޖައްސާފައިވަނީ ކޯވިޑް-19 އާ ގުޅިގެން ސްޓެލްކޯގެ ބައެއް ޚިދުމަތްތައް މަޑުޖައްސާލާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް ރަށްރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތައް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު އެކަކަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

އަދި ސްޓެލްކޯގެ ސޭލްސް ސެންޓަރު މެދުވެރިކޮށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކުގެ ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

ސްޓެލްކޯއިން ބުނީ މިދަނޑިވަޅުގައި ސަރުކާރު ބަންދުވީނަމަވެސް ކުރިއަށް އޮތީ ރަމަޟާން މަސްކަމަށްވާތީ، ރައްޔިތުންނަށް ބޭނުންވާ އަދި ކުންފުންޏާ ގުޅުން ހުރި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރާކަމަށެވެ.