ޚަބަރު

ގްރޭޑް 9ގެ ދަރިވަރުންނަށް ޚާއްޞަ ޓެލިކިލާސްތައް މުންނާރު ޗެނަލުން ދައްކަން ފަށައިފި


ކޯވިޑް19އާ ގުޅިގެން ސްކޫލް ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދިނުމަށް ގެނެސްދޭ "ޓެލިކިލާސް" ޕީއެސްއެމްގެ މުންނާރު ޓީވީންވެސް ގެނެސްދޭން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި، ޕީ.އެސް.އެމް ގުޅިގެން ގެނެސްދޭ ޓެލިކިލާސްތައް އަލުން ފަށާފައިވާއިރު މިހާތަނަށް މި ކްލާސްތައް ގެނެސްދެމުން އައީ ޔެސްޓީވީން އެކަންޏެވެ. ޔެސްޓީވީން ގެނެސްދެނީ ގްރޭޑް 10 އަދި 11ގެ ދަރިވަރުންނަށް ޚާއްޞަ ކްލާސްތައްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މުންނާރު ޓީވީން ގެނެސްދޭނީ ގްރޭޑް 9ގެ ދަރިވަރުންނަށް ޚާއްސަ ކްލާސްތަކެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށްގެންދާ ޓެލެކިލާސްތައްވެސް މިހަފްތާގެ ތެރޭގައި ގެނެސްދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ކްލާސްތައް ނުވަތަ އިންޓަރެކްޓިވް ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ގޫގުލް ކްލާސްރޫމް ބޭނުންކޮށްގެންނެވެ.

މުންނާރު ޓީވީގެ އިތުރުން ޔެސްޓީވީ އާއި ޔެސް ޓީވީ ފޭސްބުކްޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބް ޗެނަލުން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ތާވަލާއެއްގޮތަށް ޓެލެކިލާސްތައް ގެނެސްދެމުންދާނެއެވެ. ޔެސްޓީވީ އާއި މުންނާރު ޗެނަލް ޕީއެސްއެމް ކަނެކްޓް މެދުވެރިކޮށް ހިލޭ ބަލާލެވޭނެއެވެ. އަދި ދިރާގު ޓީވީންވެސް ބަލާލެވޭނެއެވެ.

"ޓެލިކިލާސް"ގެ ނަމުގައި ސްކޫލް ދަރިވަރުންގެ ފިލާވަޅުތައް ބްރޯޑްކާސްޓް ކުރަން ފަށާފައި ވަނީ ކޯވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށްޓަކައި ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރުމާގުޅިގެން މިމަހުގެ 15 ވަނަ ދުވަހުއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައިވީނަމަވެސް ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި، ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ޚިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދިނުމަށް ބެލެނިވެރިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.