ޚަބަރު

އެންގުމާ ޚިލާފަށް މަނަފަރު ރިސޯޓަށް އެރިމީހާގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލައިފި


ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އަންގާފައިވަނިކޮށް ޖޭ.އޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން، ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ޚިލާފަށް މަނަފަރު ރިސޯޓަށް އެރި މިހާގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 533ވަނަ މާއްދާގެ ދަށުން ހުށައަޅާފައިވަނީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކަމަށެވެ.

އޭނާއަށް ދަޢުވާ ހުށައަޅާފައިވަނީ ހއ.ކެލާ މެޖިސްޓްރޭޓް ކޯޓަށްކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއްވިއެވެ. މިމައްސަލައިގެ ތަހްގީގު ފުލުހުން ނިންމާފައިވަނީ ރަސްމީ އެންގުމަކުން މަނާކޮށްފައިވަނިކޮށް މިމަހުގެ 21ވަނަ ދުވަހު މަނަފަރު ރިސޯޓަށް އެރިސޯޓްގެ މުވައްޒަފަކު އެރި މައްސަލައިގައެވެ.

32 އަހަރުގެ އެމީހާއަކީ ދިވެއްސެކެވެ. އެ މައްސަލަ ހުށައެޅީ މިމަހުގެ 21ވަނަ ދުވަހުގެ ރޭ 19:49ހައި އިރުއެވެ. މީގެއިތުރަށްވެސް، ރިސޯޓަށް އަރާ ފޭބުން މަނާކޮށްފައިވަނިކޮށް ރިސޯޓަކުން މުވައްޒަފުން ފޭބި މައްސަލަތަކަކާއި، އަދި ސަފާރީތަކުން މުވައްޒަފުން ފޭބުމުގެ މައްސަލަތަކެއްވެސް ފުލުހުން މިހާރުދަނީ ދަނީ ތަޙްގީގުކުރަމުންނެވެ.

އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ދައުލަތުގެ އިދާރާތަކުން އަންގާ އެންގުންތަކާ ޚިލާފަށް ކުޑަނަމަވެސް އަމަލެއް ހިންގައިފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.