ޚަބަރު

ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަށް ހުރިހާ ފާމަސީއަކުން މިހާރު ބޭސް ލިބޭނެ


ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް އަލުން ޑޮކްޓަރަށް ނުދައްކާ ހުރިހާ ފާމަސީއަކުންވެސް މިހާރު ބޭސް ނެގޭނެކަމަށް އާސަންދަ އިން ހާމަކޮށްފިއެވެ.

ކޯވިޑް- 19 ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު އާސަދައިން ވަނީ ދިގު މުއްދަތަށް ބޭސްނަގާ މީހުންނަށް އަލުން ޑޮކްޓަރަށް ނުދައްކައި ބޭސްސިޓީއަށް ބޭސްނެގޭނެ އިންތިޒާމުތައް ހަމަޖައްސާ އެކަމުގެ އުސޫލެއް މިމަހުގެ 17 ވަނަދުވަހު އާއްމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން އޭރު ބޭސް ނެގޭނީ އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ހުންނަ ބޭސް ފިހާރަތަކުން އެކަންޏެވެ.

އެހެންނަނަމަވެސް އެ އުސޫލް ބާތިލުކޮށް އަލުން އެކުލަވާލި އުސޫލުގައި ބުނެފައިވަނީ "އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުންވެސް މި ޚިދުމަތް އިއްޔެ އިން ފެށިގެން ލިބެން ހުންނާނެކަމަށެވެ.

އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ނުވަތަ އާސަންދަ ނުދޭ ތަނަކުންވެސް އަލަށް ދޫކޮށްފައިވާ ބޭސް ސިޓީއަކަށް ބޭސް ދޫކުރަނީ ބޭސް ސިޓީ ލިޔެދީފައިވާ ތާރީޚުން ފެށިގެން 3 މަސް ނުވާ ސިޓީތަކަކަށް ކަމަށް އާސަދައިން ވިދާޅުވެއެވެ. އަދި ސްކީމްގެ ޚިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދެއްވާފައިވާ ބޭސް ސިޓީއެއް ނަމަ، 6 މަސް ނުވާ ބޭސް ސިޓީއަކަށް ވާންޖެހޭނެކަމަށްވެސް އާސައިންދަ ވިދާޅުވެއެވެ.

މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީތަކުން ބޭސް ދޫކުރާނީ ދިގު މުއްދަތަށް ފަރުވާކުރާ ބައްޔަކަށް ބޭސް ބޭނުންވާ ފަރާތަކަށްކަމަށްވެސް އާސައިންދައިގެ އާ އުސޫލްގައިވެއެވެ. މިގޮތުން ބޭސް ނަގަން ގެންދާ ބޭސް ސިޓީގައި ބަލި މީހާގެ މައުލޫމާތާއި ބަލީގެ ނަމާއި ބޭހުގެ ނަމާއި މިލިގްރާމް، އަދި ބޭސްބޭނުން ކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މަޢުލޫމާތު ހުންނަންޖެހޭނެއެވެ. އަދި ބޭސްނަގަންދާއިރު ބަލިމީހާގެ އައިޑިކާޑް ހުށައަޅަންޖެހޭނެކަމަށްވެސް އާސައިންދައިން ވިދާޅުވެއެވެ.

އާސަންދައިން ވިދާޅުވީ މި ގޮތަށް ބޭސްދޫކުރާނީ ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައިވާ އާއްމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަނިކަމަށެވެ. އަދި މިހާލަތު ނިމުމަކަށް ގެނައުކަން ރަސްމީކޮށް އިޢުލާންކުރުމާއެކު، "އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދެވޭނީ ކުރީގައިވެސް ސްކީމްގެ ޚިދުމަތް ފޯރުކޮށްދެވެމުންދާ އުޞޫލުން، 30 ދުވަސް ހަމަވެފައިނުވާ، ސްކީމްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ދޫކުރެވިފައިވާ ބޭސްސިޓީތަކަށް އެކަނި ކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ.

ދިގުމުއްދަތަށް ބޭސްނަންގަވާ ފަރާތްތަކަށް މިގޮތަށް ބޭސްނެންގެވުމަށް ފުރުޞަތު ދެވުނު ކަމުގައި ވީނަމަވެސް، އެފަރާތަކީ ބޭހުގެ ޑޯސޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ސިއްހީ ޚިދުމަތްފޯރުކޮށްދެއްވާ ފަރާތްތަކުގެ އެހީ ހޯއްދުމަށްވެސް އާސަންދައިން އެދެއެވެ.