ވިޔަފާރި

ކޯވިޑް-19 : ކޮންމެ ވަގުތަކުވެސް މުދާ ހިފައިގެން ބްރިޖުމަތިން ދަތުރު ކުރެވޭނެ


މުދާ އުފުލާ އުޅަނދުތަކަށް ކޮންމެ ވަގުތަކުވެސް މުދާ ހިފައިގެން ސިނަމާލެ ބްރިޖު ހުރަސްކޮށް ދަތުރު ކުރެވޭނެ ގޮތް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ 29 މާޗުން ފެށިގެން ސްކޫލްތައް ހުޅުވެންދެން މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދަކަށް 24 ގަޑިއިރު ބްރިޖް ހުރަސްކޮށް ދުއްވޭނެކަމަށެވެ.

މީގެ ކުރިން ވަކި ގަޑިތަކެއްގައި ބްރިޖު ހުރަސްކޮށް މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓިން އޮތީ މަނާކޮށްފައެވެ. އެގޮތުން ހެނދުނު 09:00 އަކުން މެންދުރު 15:00 އަށް އަދި ދަންވަރު 01:00 އިން ހެނދުނު 06:00 އަށް ބްރިޖް ހުރަސްކޮށް މުދާ އުފުލުން އޮތީ މަނާކޮށްފައެވެ. މި ބަދަލާއެކު ހުރިހާ ގަޑިތަކެއްގައި ބްރިޖްގައި މުދާ އުފުލޭނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ ކުރިއަށް އޮތް ހަފްތާގައިވެސް ސްކޫލްތައް ބަންދުވާނެކަން ހާމަކުރައްވާފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އެޅި މި ފިޔަވަޅަކީ ސްކޫލްތައް ބަންދުކުރުމާއި ގުޅިގެން މުދާ އުފުލުމަށް ފަސޭހަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

ސްކޫލު ހުޅުވުމާއި ހަމައަށް މި ހުއްދަ ދީފައިވާއިރު އާންމުގޮތެއްގައި ސްކޫލްތައް ހުޅުވާ ދުވަސްވަރު ހެނދުނު 11:30 އިން މެންދުރު 13:30 އަށް މާލޭގައި މުދާ އުފުލުން މަނާވާނެއެވެ.