ވިޔަފާރި

އެމްއެސްއެސް އިން މުދާ އުފުލަން ބޭނުންކުރާނީ 700 ކޮންޓެއިނަރގެ ބޯޓެއް - އެސްޓީއޯ


މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ރާއްޖެއަށް މުދާ އުފުލުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 20 ފޫޓުގެ 700 ކޮންޓެއިނަރގެ ބޯޓެއް ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް މުދާ ހިފައިގެން ރާއްޖެއަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ބޯޓު ރާއްޖެއަށް އަންނަނީ ސްރީލަންކާގެ ކޮލޮމްބޯއިން މުދާ ބަރުކޮށްގެންނެވެ.

މި ބޯޓުގައި ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް ގެނައުމަށް ޙާއްސަ ކޮންޓެއިނަރާއި، އާއްމު މުދާ ގެނައުމަށް ބޭނުންކުރާ ކޮންޓެއިނަރ ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޝިޕިންގލައިނާގެ ޙިދުމަތް ފެށުމަށްޓަކައި އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިފިންގ، އެމްއެސްއެސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފެންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުމެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންގލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުންކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންގލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.

ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ގެއްލުމަކާއެކު މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، ބަނގުރޫޓުވެ 2012 ވަނަ އަހަރު ކުންފުނި އުވާލެވުނެވެ. އޭރުވެސް ކުންފުނީގެ ނުދައްކާ ހުރި ދަރަނި 2.5 މިލިއަން ޑޮލަރަށް އަރައެވެ.

މި ކުންފުނި އުވާލުމާއެކު ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް، އެސްސީއެމްގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް އޭރުގެ ސަރުކާރުން ކުރިއެވެ. އެހެންނަމަވެސް އެމްއެންއެސްއެލްގެ ފަހުން ސަރުކާރުން ޝިޕިންގލައިންގެ ވިޔަފާރިކޮށްފައެއްނުވެއެވެ.

އޭރު އެމްއެންއެސްއެލް ކުންފުނި ބަނގުރޫޓުވުމަށް ދިމާވީ ބަނދަރުގެ ދަތިކަމާއި ޝިޕިންގ މާކެޓަށް އޭރު އައި ބަދަލުތަކަށް އެކުންފުނި ތައްޔާރުނުވެ އޮތުމުގެ ސަބަބުންކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެސްޓީއޯއިން ޝިޕިންގލައިންގ ވިޔަފާރިއަށް ވަދެފައި މިވަނީ ފުރިހަމަ ތައްޔާރީތަކާއެކުކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.