ޚަބަރު

ޓީވީއެމްގެ ޚިދުމަތަށް 42 އަހަރު، އިސްކަންދެނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް


ދިވެހިރާއްޖޭގައި ޓެލެކާސްޓްކުރަންފެށުން ނުވަތަ ޓީވީގެ ޚިދުމަތް ދޭންފެށިތާ މިއަދަށް 42 އަހަރު ފުރޭއިރު، ރާއްޖޭގެ ޤައުމީ ޓީވީގެ ހައިސިއްޔަތުން ޓީވީމޯލްޑިވްސް މިހާރުވެސްދަނީ މެދުކެނޑުމެއްނެތި ރައްޔިތުންނާއި ހަމައަށް ތަފާތު ޕްރޮގްރާމްތަކާއި ޚަބަރު ގެނެސްދެމުންނެވެ.

ރާއްޖޭގައި އާދައިގެ ގޮތަކަށް ނަމަވެސް ފުރަތަމަ ޓީވީ ޗެނަލެއް އުފައްދައި ޚިދުމަތްދޭން ފެށުމަކީ ބްރޯޑްކާސްޓިން ދާއިރާ ވަކިން ޚާއްސަކޮށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ރާއްޖެއަށް ގެނުވި އެންމެ ބޮޑު އެއް އިންޤިލާބެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގެރޭ 9 ޖެހިއިރު ފެށީ އިންސާނީ ވަޞީލަތް މަދުވެފައި، ފަންނީ ޤާބިލުކަމާއި ފުދުންތެރިކަން ކުޑަވުމުގެ ސަބަބުން، ދިމާވި އެތަކެއް ގޮންޖެހުމަކާއެކުވެސް، މާލެއާއި މާލެ ކައިރީގެ 30 ކިލޯމީޓަރ ރޭޑިއަސްގެ ސަރަޙައްދަކަށެވެ. ކުރިން އޭގެ މާކުރީއްސުރެ ރޭޑިއޯގެ ޚިދުމަތް ދެމުންދިޔަ ނަމަވެސް އަވައްޓެރި އެހެން ޤައުމުތަކާއި އެއްގޮތަށް ޓީވީގެ ޚިދުމަތް ފަށައިގަތުމަކީ އޭރު ރާއްޖެއަށް މާފަސޭހަކަމެއް ނޫނެވެ. އެހެނީ އެދާއިރާއިން ތަމްރީނުވެފައިވާ މީހުން މަދުވުމާއި ކޮންމެ އެއްޗެއްވެސް ރާއްޖެއަށް އެތެރެކޮށް ބޭނުންވާ ތަމްރީނުތައް ބޭރުން ހޯދަން ޖެހުމަކީ އޭރުވެސް ދިމާވި ގޮންޖެހުންތަކެކެވެ.

އެންމެ ކޮންޓްރޯލް ރޫމަކާއި ސްޓޫޑިއޯއެއް ބޭނުންކޮށްގެން އެންމެ 9 ލައިޓާއި 2 ކެމެރާއާއެކު، ޖުމްލަ 8 މުވައްޒަފުންނާއެކުވެސް ޓީވީގެ ޚިދުމަތް ފެށުންވެގެންދިޔައީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް އައި އިންޤިލާބީ ބަދަލަކަށެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އިސްނެންގެވުމާއެކު ފެއްޓެވި ޓީވީއެމްގެ ޚިދުމަތް ޒަމާނަށް އައި ބަދަލުތަކާއެކު މިހާރު ރާއްޖޭގެ މުޅި އާބާދީއަށް އަންނަނީ ލިބެމުންނެވެ.

ޓީވީއެމްގެ ޚިދުމަތް މުޅި ރާއްޖޭގެ އިތުރުން ސަރަޙައްދީ ޤައުމުތަކަށް ފުޅާވެގެންދިޔައީ 1990 ގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓްގެ ކަވަރޭޖާއެކުގައެވެ. އެއާއެކު ރާއްޖޭގައި ހިނގާ މުހިންމު އެކި ކަންކަމާ ގުޅޭ މަޢުލޫމާތު ޓީވީއެމް މެދުވެރިކޮށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގުތުން ޓެލެކާސްޓް ކުރަންފެށުނެވެ.

ޓީވީ މޯލްޑިވްސްގެ ޚިދުމަތަށް ބައި ޤަރުނާއި ގާތްވެފައިވާއިރު، ޓީވީއެމްގެ ޚިދުމަތް މިއަދު ދެމުންމިދަނީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ބްރޯޑްކާސްޓަރުން ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އަދި ޚިދުމަތް ފެށުނުއިރާ އަޅާބަލާއިރު، ޓީވީއެމްގެ ކޮންޓެންޓްވެސް ވަނީ އެތައް ގުނައެއް ފެންވަރު ރަނގަޅުވެ ކުރިއަރާފައެވެ. މިއަދު ޓީވީއެމްގެ ބްރޯޑްކާސްޓް ކުރުމުގެ ފެންވަރު މަތިކޮށް މިހާރު ދަނީ އެޗްޑީކޮށްވެސް ބްރޯޑްކާސްޓް ކުރަމުންނެވެ.

ޓީވީއެމްގެ ޚިދުމަތުގެ މިވީ 42 އަހަރުގެ ތެރެއިން މިހާރު ހިނގަމުންމިދާ ދުވަސްތަކަކީވެސް ޚިދުމަތުގެ ތާރީޚުގައި ތަފާތު ތަޖުރިބާތަކެއް ކުރަމުންދާ މުއްދަތެކެވެ. މީގެކުރިން ރާއްޖެއަށް ކުރިމަތިވި އެކި ހާދިސާތާކާއި، ކާރިސާތަކުގެ މައުލޫމާތާއި ޚަބަރު ޓީވީއެމުން އާންމުންނާހަމައަށް ގެނެސްދެމުންދެއެވެ. ޚާއްސަކޮށް މިހާރު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 އާއި ގުޅޭ ޕްރޮގްރާމްތަކާއި، ޚަބަރާއި، އާންމު މައުލޫމާތުވެސް ވަކި އުސޫލެއްގެ ތެރެއިން ޓީވީއެމުން ދަނީ ގެނެސްދެމުންނެވެ.

މީގެ ކުރިން ޓީވީއެމުން ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމް ގެނެސްދޭ ޕްރޮގްރާމްތައް ޓީވީއެމް ހިންގާ ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސްޗެނަލުން ގެނެސްދެމުން ދިޔަނަމަވެސް މިހާރުވެސް ޤައުމަށް ދިމާވެފައިވާ މި ޚައްސާސް ދަނޑިވަޅުގައި ޓީވީއެމުން ގެނެސްދޭ ގިނަ ދުވަސްވީ ޕްރޮގްރާމްތާކައި، ޚަބަރުތައް ކޯވިޑް19 އަށް ވަނީ ޚާއްސަކޮށްފައެވެ.

މީގެ އިތުރުން ކޯވިޑް19 ގެ ވަބާއާއި ގުޅިގެންނާއި އެ ބަލީގައި ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު އާންމުންނާއި ހަމައަށް ގެނެެސްދިނުމުގެ ގޮތުން ކަމާގުޅުންހުރި އިދާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާއި އިވެންޓުތައް ވަގުތުން ގެނެސްދިނުމުގެ އިތުރުން ޓީވީއެމުންދަނީ އާންމުން ހޭލުންތެރިކުރުމަށް ތަފާތު ގިނަ މައުލޫމާތުތަކެއް ކޮންމެ ދުވަހަކުވެސް ގެނެސްދެމުންނެވެ.

ކޯވިޑް19 އާއި ގުޅިގެން ޓީވީއެމްގެ މިއަހަރުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަނުކުރިނަމަވެސް، މިއަދު އަހަރީދުވަހާއި ގުޅިގެން ބައެއް ޕްރޮގްރާމްތަކުގައި ޚާއްސަކަންތައްތަކެއް ގެނެސްދޭން މެނޭޖްމަންޓުންވަނީ ނިންމާފައެވެ.

ޓީވީއެމްގެ ސާޅީސް ދެއަހަރުވީ ޚިދުމަތުގެތެރޭގައި އާއްމުންނާއި ހަމައަށް ގެނެސްދިން ޕްރޮގްރާމްތަކަކީ އަދިވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ޕްރޮގްރާމްތަކެކެވެ. ހޭޔަންބޯ، ފިލްމީ އުދަރެސް، ރަހަތަފާތު، ހެނދުނު ހެނދުނާ ފަދަ ޕްރޮގްރާމްތަކަކީ މިހާރުވެސް މެދުކެނޑުމެއްނެތި ގެނެސްދޭ، އަދިވެސް ދިވެހިންގެ މެދުގައި މަޤްބޫލު ޕްރޮގްރާމްތަކެކެވެ.

ޒަމާނީ އޮއިވަރާއި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މިހާރު އޮތް ވާދަވެރިކަމުގެ ތެރެއިންވެސް ވަސީލަތްތައް ތަންދިން މިންވަރުން، ބެލުންތެރިން ގަޔާވާނެފަދަ އުފެއްދުންތަކެއް ގެނެސްދިނުމަށް ޓީވީއެމްގެ ކޮންޓެންޓް އުފައްދާ ޓީމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. ހުރި ގޮންޖެހުންތަކާއެކުވެސް ޤައުމަށް ޚިދުމަތް ކުރުމާއިގެން ކުރިއަށްދާންތިބީ އަތުކުރި އޮޅާލައިގެންނެވެ.