ވިޔަފާރި

ބިން މިލްކުކުރެވޭ އިސްލާހު ސިޔާސީ ކުރާތީ ކަންބޮޑުވޭ- އާސިފް


ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބޭރުގެ ފަރާތްތަކަށް ބިން މިލްކުރެވޭގޮތަށް ހެދުމަކީ ރައީސް ޔާމިންގެ ދުރުވިސްނޭ އިޤްތިސާދީ ތަސައްވަރު ހާމަވެގެންދިޔަ ކަމެއްކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާއިން ވިދާޅުވެއްޖެއެވެ.އެޖަމްއިއްޔާގެ ނާއިބް ރައީސް އިސްމާއީލް އާސިފް ވިދާޅުވީ، ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ރާއްޖޭން ބިން މިލްކުކުރެވޭ ގޮތް ހެދުމުން އިޤްތިޞާދީގޮތުން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ގޮންޖަހާލެވޭ ވަރުގެ އިންވެސްޓްމަންޓުތައް ރާއްޖެ އަށް އަންނާނެކަމަށާއި މީގެސަބަބުން ރާއްޖޭގެ އިޤްތިސާދު އެތައް ގުނައަކަށް ކުރިއަރައިގެންދާނެކަމަށެވެ.މިގޮތަށް ފާސްކޮށްފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެވެސް ތާއީދާއެކު ކަން ފާހަގަ ކުރައްވާ، އާސިފް ވިދާޅުވީ ބައެއް ފަރާތްތަކުން މި ކަން ސިޔާސީކޮށް، ސިޔާސީ ބޭނުންތަކަށް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި އިޤްތިސާދާއި ގުޅިގައިވާ މިފަދަ މުހިންމު ކަމަކާއި ގުޅުވައިގެން ސިޔާސީ ފައިދާއަށް ހަގީގަތާއި ޚިލާފް ވާހަކަތައް ފެތުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.  ސާކް ޗެމްބަރު އޮފް ކޮމާސްގެ ރައީސް ކަންވެސް ކުރައްވާ އިސްމާއީލް އާސިފް ވިދާޅުވީ، ބިލިޔަން ޑޮލަރުގެ ބޮޑެތި އިސްވެސްޓްމަންޓްތައް ކުރުމަށް ބިން ދޫކުރާއިރު އެކަމަށް ހުއްދަ ލިބޭނީ ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށާއި އަދި ބިން ދޫކުރާ ފަހުންވެސް އެނޫން ކަމަކަށް އެބިން ބޭނުންކުރާ ނަމަ އެބިން އަތުލުމުގެ ބާރު ޤާނޫނުގެ ތެރެއިން ސަރުކާރަށް ލިބިގެންވާކަމަށެވެ. އަދި އެތަނުގައި ބޭރުމީހުން ވަޒަންވެރިވެ، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނަކަށް އެތަން ބަދަލުވާނެ ވާހަކައަކީ ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލަން ދައްކާ ހަޤީގަތާ ޚިލާފް ވާހަކައެއް ކަމަށާއި މިކަން ސިޔާސީ ނުކުރެއްވުމަށް އާސިފް ވިދާޅުވިއެވެ.މި އިސްލާހާއިއެކު ރާއްޖެއަށް ލިބިގެންދާނެ ފައިދާތަކަށް ބައްލަވާލައްވަމުން އާސިފް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރެވިގެންދާ ބިލިޔަން ޑޮލަރުގެ އިންވެސްޓް ތަކާއިއެކު ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބިގެންދާ ސަމާލުކަން އިތުރުވެ، މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި މީގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފަހި ފުރުސަތުތަކެއްވެސް ތަނަވަސްވެގެންދާނެ ކަމަށް އާސިފް ވިދާޅުވިއެވެ.މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހު ތަސްދީޤް ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ޤައްޔޫމާއި ނާއިބް ރައީސް އަހްމަދު އަދީބްވެސް ވަނީ، މި އިސްލާހުގެ މުހިންމުކަން ފާހަގަކުރައްވާ، މިއާއިއެކު ރާއްޖެއަށް ބިލިޔަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ކައިރި މުސްތަޤްބަލެއްގައި އަންނާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި މިގޮތަށް ދޫކުރާ ބިންތަކުގައި ހިނގާނީ ރާއްޖޭގެ ޤާނޫނުކަމަށާއި އިސްލާމްދީނާ ރާއްޖޭގެ ޤާނޫނު އަސާސީއާއި ހިލާފް އެއްވެސް ކަމެއް އެތަންގައި ނުކުރެވޭނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންގެ މިނިވަންކަމަށް ކުޑަ ނަމަވެސް ބުރުލެއް އެރުމުގެ ފުރުސަތު ލިބިގެންނުދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.