ޚަބަރު

ޔޫއޭއީން ޕޮޒެޓިވްވީކަމަށް ބުނާ މީހަކީ ދިވެއްސެއްކަމާމެދު ސުވާލު އުފެދިއްޖެ


ޔުނައިޓެޑް އަރަބް އެމިރޭޓްސް، (ޔޫއޭއީ)އިން ކޯވިޑް-19އަށް ދިވެއްސަކު ޕޮޒިޓިވްވިކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވީނަމަވެސް އެމީހާގެ ނަމަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީހެއްގެ ނަން ނޫންކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ އެކަމާގުޅިގެން ސަރުކާރަށް މިހާތަނަށް ލިބިފައިވާ ރަސްމީ މައުލޫމާތުތަކުން ހާމަވާގޮތުގައި ޔޫއޭއީން ޕޮޒިޓިވްވިކަމަށް ބުނާ މީހާގެ ނަމަކީ ދިވެއްސެއްގެ ނަމެއް ނޫންކަމަށެވެ.

އެނަމަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނަމެއް ނޫންކަން ޔަޤީންކަމަށާ، އެނަން ބޮޑަށް ވައްތަރީ އިރުމަތީ ޔޫރަޕު މީހުންނަށް ކިޔައިއުޅޭ ނަމަކާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހީއަކީ ދިވެއްސެއްނޫނޭ. އެހެން ޤައުމެއްގެ މީހަކަށޭ އެމީހާވަނީ މޯލްޑޯވާކަހަލަ ރާއްޖެއާ ނަން ވައްތަރު ޤައުމެއް. އެގޮތަށް މިހާތަނަްށް އޮތީ ދިވެހި ނަމެއް، ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ނަމެއް ނޫން އަޅުގަނޑުމެންނަށް ލިބިފައިވަނީ" މަބްރޫކް ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. އެހީސާބުން ފެށިގެން ފޮރިންގ މިނިސްޓްރީން އެކަމުގެ މައުލޫމާތު ހޯދުމަށް ކުރިމަސައްކަތުން އެއީ ދިވެއްސެއްކަމަށް ނުބެލެވޭކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކުވެސް ޕޮޒިޓިވް ވެފައިވާކަމުގެ ޚާބަރުތައްވަނީ ލިބިފައެވެ. ނަމަވެސް ސަރުކާރުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 16 މީހުން ޕޮޒެޓިވްވެ 11 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.