ޚަބަރު

ގައިދީންނަށް ސްކައިޕް މެދުވެރިކޮށް އާއިލީ ބައްދަލުވުންތައް ބޭއްވޭގޮތް ހަމަޖައްސަނީ


ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޤައިދީންގެ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލާފައިވާތީ، ސްކައިޕް މެދުވެރިކޮށް ބައްދަލުވުންތައް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްކައިޕް މެދުވެރިކޮށް ޤައިދީންނަށް އާއިލާތަކާއި ގުޅޭނެގޮތް ހެދުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މި އިންތިޒާމް ހަމަޖައްސައި އަންނަ ހަފްތާގެ ތެރޭގައި، ވީޑިއޯ ކޯލް ކުރެވޭނެގޮތް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޖަލުތަކުގައި ކުރިއަށްގެންދާ އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލަން ނިންމާފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މިއީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ސިއްޙީ ރައްކާތެރިކަން އިތުރުކުރުމުގެގޮތުން، މީހުން ޖަލަށް ވަދެ އުޅުން މަދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެވެ.

އާއިލީ ބައްދަލުވުންތައް މެދުކަނޑާލުމާއިއެކު މަހަކަށްދޭ ފޯންކޯލްގެ މިންވަރުވަރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިހާރު މަހަކު 7 މިނެޓުގެ 4 ކޯލް ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް އާއިލާތަކުން ތަކެތި ފޮނުވުންވެސްވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ލިބުމަށް ދަތި ނުވާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.

މި ފިޔަވަޅުތަކުގެ އިތުރުން ކޮންމެ ދުވަހަކުވެސް ޤައިދީންގެ ހުން ހުރިތޯ ބެލުމާއި ޖަލަށް ވަދެ ނުކުމެހަދާ އޮފިސަރުންނާއި މުވައްޒަފުންގެވެސް ހުން ހުރިތޯ ދަނީ ބަލަމުންނެވެ. އަދި ޤައިދީންނާއި ބަންދުގައި ތިބި މީހުންނަށް ކޯވިޑާއި ގުޅޭ މަޢުލޫމާތު ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކަރެކްޝަނަލް ސަރވިސްއިން ވަނީ ޗޯވިޑުގެ ހާލަތު ބަދަލުވެ އެލަރޓް ލެވެލް މަތިކޮށްފިނަމަ ޖަލުގައި އޮފިސަރުން މަޑުކޮށްގެން ޖަލު ބެެލެހެއްޓޭނެ އިންތިޒާމްތައްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.