ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް ވައިރަސް ޖެހިފައިވާ މީހުން ވީހާވެސް އަވަހަށް ދެނެގަތުމުގެ މުހިންމުކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފާހަގަކޮށްފިއެވެ.
ވައިރަސް ފެތުރުނަނުދިނުމަށް ގިނަ ޤައުމުތައް އެއްކޮށް ބަންދުކުރަމުންދާކަން ފާހަގަކުރައްވާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދޮނަމް ގެބްރިއޭސުސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މިދަނޑިވަޅުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮންމެ ޤައުމަކުންވެސް ކުރަންޖެހޭކަމަށެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މީގެކުރިންވަނީ ކުރިއަށް އޮތްތަނުގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭނީ އެމެރިކާގައިކަމަށް ބުނެފައެވެ. ގެބްރިއޭސުސްވަނީ ވައިރަހާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވަމުންދާ ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.
އޭގެ އިތުރުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފަސްކުރަން ނިންމާފައިވާ ނިންމުމަށްވެސް ގެބްރިއޭސުސް މަރުޙަބާ ވިދާޅުވިއެވެ. އެއީ އުނދަގޫ ނަމަވެސް ހިކުމަތްތެރި ނިންމުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ގެބްރިއޭސުސް އިތުރަށް ވިދާޅުވީ އެނިންމުމުގެ ސަބަބުން ކުޅިވަރު ކުޅޭ މީހުންނާއި ބެލުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެކަމަށެވެ.
ހަމައެއާއެކު ވައިރަސް ފެތުރުން ހުއްޓުވުމަށް ލިބުނު ފުރަތަމަ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފާނުވާކަމަށް ގެބްރިއޭސުސް ވިދާޅުވިއެވެ. ނަމަވެސް ދެވަނަ ފުރުޞަތެއް ލިބުމުން އެފުރުޞަތު ނަގާލައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ވައިރަހުން ރައްކާތެރިވުމަށް ބޭނުންކުރާ މާސްކާއި އަންގިފަދަ ޞިއްޙީ ސާމާނު ދުނިޔޭގެ ބާޒާރުގައި ލިބެންހުރި މިންވަރު ދަށްވަމުންދާކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ދީފައެވެ.