ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ މަޢުލޫމާތު ފޯމު ފުރައިގެން ހޯދުން ހުއްޓާލައިފި



ކޯވިޑް-19 އާއި ގުޅިގެން އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ފޯމެއް ފުރައިގެން އެއްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސްއިން ހުއްޓާލައފިއެވެ.

މިނިސްޓްރީން މި މަސައްކަތް ހުއްޓާލާފައިވަނީ އުމުރުން ދުވަސްވީ މީހުންގެ މަޢުލޫމާތު އެކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް ކުރިއަށްދާތީއެވެ.

އުމުރުން ދުވަސްވީ މީޙުންގެ މިމައުލޫމާތު އެއްކުރަނީ އުމުރުން ދުވަސްވީ މީހުންނަކީ ކޯވިޑް-19 ޖެހުމުގެ ފުރުޞަތު ބޮޑު ބަޔަކަށްވާތީ މިފަދަ މައުލޫމާތު މިނިސްޓްރީގައި ހުރުމުން އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ 65 އަހަރުން މަތީގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

ކޯވިޑް-19 ދުނިޔޭގެ 194 އަށް ވުރެ ގިނަ ޤައުމުގައި ފެތުރެމުންދާއިރު، މިއީ ޚާއްސަކޮށް ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް އެބަލީގެ ނުރައްކާ ބޮޑު ބައްޔެއްކަމަށް ޞިއްޚީ ތަޖުރިބާކާރުން ވިދާޅުވެއެވެ.