ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށުނު ޗައިނާގެ ހޫބެއި ޕްރޮވިންސުގެ ވުހާން ސިޓީން ބޭރަށް ނުކުތުމުގެ ހުއްދަ އޭޕްރިލް 8ވަނަ ދުވަހުން ފެށިގެން ދޭން ނިންމައިފިއެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން ޖެނުއަރީ މަހުގެ ތެރޭގައި ވުހާން ސިޓީވަނީ ވަދެނުކުމެނޫޅެވޭ ގޮތަށް އެއްކޮށް ބަންދުކޮށްފައެވެ. އަދި އާންމު ދަތުރުފަތުރާއި ރަށުން ބޭރަށް ދަތުރުކުރާ ފްލައިޓުތަކާއި ރޭލުތައްވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ވުހާންގައި މިހާރު ވައިރަސް ފެތުރޭ މިންވަރު އެއްކޮށްހެން ދަށްކުރެވިފައިވާތީއާއި އަލަށް ވައިރަސް ޖެހޭ މީހުން ވަރަށް މަދުން ނޫނީ ނުފެންނާތީ އެސިޓީން ބޭރަށް ދަތުރުކުރުމުގެ ޙުއްދަ ދިނުމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.
ކޯވިޑް-19 ޖެހިފައިވާ މީހަކާ ނުވަތަ ވައިރަސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކާ ބައްދަކުވެފައިނުވާކަން ޔަޤީންކޮށްދޭ ޞިއްޙީ ފެހި ކޯޑު އޮންނަ ކޮންމެ މީހަކަށް ވުހާނު ސިޓީން އޭޕްރިލް އަށެއްގެ ފަހުން ނުކުމެވޭނެއެވެ. ހޫބެއި ޕްރޮވިންސުގެ އެހެން ސަރަޙައްދުތަކުން ބޭރަށް ދަތުރުކުރުމުގެ ޙުއްދަ މިހާރުވަނީ ދީފައެވެ. ނަމަވެސް އެޕްރޮވިންސުގެ މަދަރުސާތައް އަލުން ހުޅުވަން އަދި ނިންމާފައެއްނުވެއެެވެ.
ފާއިތުވީ ސައްވީސް ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހަކު ވުހާން ސިޓީން ފެނިފައިވެއެވެ. އެއީ ހޫބެއި ޕްރޮވިންސުންވެސް ފާއިތުވި ސައްވީސް ގަޑިއިރުގެ ތެރޭގައި ވައިރަސް ޖެހުނު ހަމައެކަނި މީހާއެވެ. އަދި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ވުހާނުން ވައިރަސް ޖެހުނު ހަމައެކަނި މީހާއެވެ.