ޚަބަރު

ކޯވިޑް19: ކަރަންޓީންގެ މުއްދަތު ނިންމާ އާއިލާގާތަށް ދެވޭނެ ވަގުތަކަށް ކެތްމަދުވެފަ


ކޯވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުގެތެރެއިން މިހާރުވަނީ ފަތުރުވެރިން ފިޔަވައި ރާއްޖެއަންނަ ހުރިހާ އެންމެން 14 ދުވަހުގެ މުއްދަތަކަށް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީންގައި ބޭތިއްބުމަށް ނިންމާފައެވެ.

ކަރަންޓީން ފެސިލިޓީސްތަކުގައި މިވަގުތުވެސް 570 އަށްވުރެ ގިނަ މީހުންތިބިއިރު މީގެތެރެއިން ގިނަ މީހުންނަކީ ދިވެހިންނެވެ. މީގެތެރޭގައި ހިމެނެނީ އަވައްޓެރި ޤައުމުތަކާއި ދުރު ޤައުމުތަކުގައި ދިރިއުޅުމަށްފަހު ރާއްޖެއަައިސްފައިވާ ދިވެހިންނެވެ. ތައުލީމު ހާސިލުކުރުމާއި، ވަޒީފާ އަދާކުރުމުގެ އިތުރުން އާއިލާގެ މެންބަރުންނާއެކު ޞިއްޚީ ފަރުވާއަށްފަހު އައި މީހުންވެސް ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު ތިބި މީހުންގެތެރޭގައި ހިމެނެއެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ތިބި ދިވެހިންގެ ވާހަކަތަކަކީ މިވަގުތު ބަލާލުން މުހިއްމުވާހަތަކެކެވެ. އެމީހުންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހުންގެ އިހްސާސްތައް ފާޅުކުރަމުންނެވެ. ކޮންމެއަކަސް މިއީ ފަހުގެ ތާރީޚެއްގައި ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަކަށް ނުވުމާއި އާއިލާއާއި ގާތްތިމާގެ މީހުންގެ އުފަންރަށާ ދުރުގައި އެހެން ހިސާބެއްގައި ދިރިއުޅުން ވޭތުކުރުންވަނީ ތަފާތު ތަޖުރިބާއަކަށްވެފައެެވެ.

ކަރަންޓީން ފެސިލީޓީސްތަކުގެ ގޮތުގައި ކަނޑައަޅާ މީހުން ބައިތިއްބާފައިތިބެނީ ހުޅުލޭ އައިލެންޑް ހޮޓެލާއި މާލެއާ މާދުރުނޫން ސަރަހައްދުތަކުގައި ހުރި ބައެއް ރިސޯޓްތަކުގައިކަމަށްވުމުން ކޮންމެ ދުވަހަކާއި ރޭގަނޑެއް އެމީހުންނަށްވަނީ ވަރަށް ދިގުމުއްދަތަކަށްވެފައެވެ. އެހެނީ ކަރަންޓީންގައި ތިބި މީހުންގެތެރެއިން އަނބިދަރިން ގޮވައިގެން އުޅޭ މީހުންނާއި، މަންމަ ނުވަތަ ބައްޕައާ އެއްކޮށް އުޅޭ މީހުންގެ އިތުރުން ބައެއް މީހުން އެކަނި ވަގުތު ހޭދަކުރަމުންދާއިރު، އެންމެވެސް އިންތިޒާރުކުރަމުންދަނީ ލޯބިވާ ޢާއިލާއާ ބާއްދަލުވާނެ ވަގުތަކަށްކަން އެމީހުން ސޯޝަލް މީޑިއާގައި ފާޅުކުރާ ޝުޢޫރުތަކުން އެނގެއެވެ. ކަރަންޓީނަށް ދާ މީހުންގެ ތެރޭގައި، އާންމު މީހެކޭ ސިޔާސީ މީހެއް ނުވަތަ ބައެއް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނުވަތަ ޑޮކްޓަރުންފަދަ ސިއްޙީ ބޭފުޅުންވެސް އިސްތިސްނާއެއް ނުވެއެވެ.

ކަރަންޓީންގައި ތިބޭ މީހުންގެ އާއިލާތަކުން ކާނާއާއި އެނޫންވެސް ތަކެތި ފޮނުވޭނެ އިންތިޒާމް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހަމަޖެއްސުމާއެކު އާއިލާއިން ފޮނުވާ ކާނާގެ ބާވަތްތަކާއި އެނޫންވެސް ތަކެތިލިބި އެމީހުންނަށް އިތުރަށް ހިތްހަމަޖެހުން ލިބިގެންދެއެެވެ.

ބޭރުޤައުމުތަކުގައި ތައުލީމު ހާސިލުކުރާ އަދި ވަޒީފާ އަދާކުރާ ދިވެހިންނަށްވެސް މިއީ ތަފާތު ތަޖުރިބާއެކެވެ. މިގޮތުން ޖަލީލް އަހްމަދުގެ އާއިލާ މިވަގުތު ތިބީ ފަންއައިލެންޑްރިޒޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެތަނުންދޭ ޚިދުމަތާއި އެހިތެރިވެދޭ މީހުންގެ މަސައްކަތްތަކަށް އަލިއަޅުވާލަމުން އޭނާވަނީ އަމިއްލަ ގޭގައި ތިބެވޭކަމުގެ އިހުސާސްކުރެވޭކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް މީހުންވަނީ ކަރަންޓީން ފެސިލިޓީތަކުންދޭ ޚިދުމަތްތަކާމެދު ކިތަންމެ ހިންހަމަޖެހިގެންތިބިނަމަވެސް އެންމެ ބޮޑަށް މިދަނޑިވަޅުގައި ބޭނުންވަނީ އާއިލާއާއެކު ތިބުންކަމަށް ވިދާޅުވެ އާއިލާތަކާއި ބައްދަލުކުރަން ކެތްމަދުވެފައިވާކަމަށް ބުނެފައެވެ. 14 ދުވަހު އެތަނުގައި ހޭދަކުރާއިރު ގުޅައިގެން ވެސް ވާހަކަ ދެކެވޭއިރު އާއިލާތަކާއި ބައްދަލުކުރަން ބޭނުންވިނަމަވެސް އެންމެންގެ ރައްކަލަކަށް ކަރަންޓީންގައި ތިބުމުގެ މުހިންމުކަންވެސް އެމީހުން ފާހަގަކުރެއެވެ.

ސަރުކާރުން ކަރަންޓީނާއި އައިސޮލޭޝަން ފެސިިލިޓީތަކުގައި ތިބި ފަރާތްތަކަށް މިފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދާއިރު، މާލޭގައި ހޯމް ކަރަންޓީންގައި ތިބި ފަރާތްތަކުގެ ތެރެއިން ހޯމްކަރަންޓީންގައި ތިބުން ދަތި މީހުންނަށްވެސް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވުމަށް ވަނީ ނިންމާފައެވެ.