ކުޅިވަރު

އައި.އޯ.އައި.ޖީގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ
ޓީމް މޯލްޑިވްސްގެ ޓްރެވަލް ޕާޓްނަރަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަން
ހަމަޖައްސައިފިއެވެ. މޯލްޑިވިއަންއާއެކު މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ
ސޮއިކުރައްވާފައެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑްއޭވިއޭޝަންގެ މެނޭޖިންގ
ޑިރެކްޓަރ އަބުދުލް ހާރިޘްއެވެ. އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް
ސެކެޓްރީ އަހުމަދު މަރުޒޫޤެވެ. 

މިއެއްބަސްވުމުގެ ދަށުން ގޭމްސްއަށްފަހު ޓީމް
މޯލްޑިވްސް އެނބުރި ރާއްޖެ އަންނާނީ މޯލްޑިވިއަންގައެވެ. ދިހަވަނަ ދުވަހު ގޭމްސް
ނިމުމުން ރާއްޖޭގެ އެތްލީޓުން އެނބުރި އަންނާނީ މޯލްޑިވިއަންގެ ދެ
ފްލައިޓެއްގައެވެ. މަރުޒޫޤް ވިދާޅުވީ މިއެއްބަސްވުމަކީ ވިޔަފާރީގެ
އެއްބަސްވުމަކަށްވުރެ ބޮޑަށް ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވެވުނު
އެއްބަސްވުމެއްކަމަށެވެ.

" މިއީ ކޮމާޝަލް އެއްބަސްވުމަކަށްވުރެ ބޮޑަށް ޤައުމީ ކަމެއް. މޯލްޑިވިއަންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް އެކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މެޑަލްތަކަކަށް ޓާގެޓްކޮށްގެން ދާއިރު ޤައުމީ އެއަރލައިންގައި އެނބުރި އައިސް ޤައުމީ ވައިގެ ބަނދަރަށް ޖެއްސުމަކީ އެތްލީޓުންނާއި އޮލިމްޕިކް ކޮމިޓީއަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. " މަރުޒޫޤް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ
ޑިރެކްޓަރ އަބުދުލް ހާރިޘް ވިދާޅުވީ ޤައުމީ އެއަރލައިނަށް އިތުބާރުކޮށް މިފުރުޞަތު
ދެއްވީތީ އުފާކުރައްވާކަމަށާއި، ޤައުމީ އެއަރލައިންގައި ޤައުމީ އެތްލީޓުން
ކާމިޔާބީއާއެކު އެނބުރި އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ދިވެހި
އެތްލީޓުންނަށް ކާމިޔާބީއަށް އެދޭކަމަށެވެ.

" އަޅުގަނޑުމެންނަށް އިތުބާރުކޮށް، މިފުރުޞަތު ދެއްވީތީ އޮލިމްޕިކް ކޮމިޓީއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ޤައުމީ އެއަރލައިންގައި ޤައުމީ އެތްލީޓުން ކާމިޔާބީއާއެކު އަންނާނެކަމަށް އުއްމީދުކުރަން. އަދި ހުރިހާ އެތްލީޓުންނަށްވެސް ކާމިޔާބީއަށް އެދެން. " ހާރިޘް ވިދާޅުވިއެވެ.

 ޓީމް މޯލްޑިވްސް ގޭމްސްއަށް ދާނީ
މެގަމޯލްޑިވްސްގެ ފްލައިޓެއްގައެވެ.