ޚަބަރު

މިއަދު ފަހަކުން އަށަކަށް ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި


މިނިވަން ފަންސާހުގެ
ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށްދިނުމަށްޓަކައި
މިއަދު ހަވީރު ފަހަކުން އަށެއްޖެހުމާއި ހަމައަށް ފައިމަގުގައިއުޅޭ ގަޑިއެއްގެ
ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސަވައިފިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގައި
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އެއޮޓޯރިޓީގެ ޗެއަރަމަން
އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ، އެގޮތަށް ހަމަޖެއްސެވީ ވަރަށް ގިނަ ބައެއްގެ
އެދުމުގެ މަތިންކަމަށެވެ. 

އެއީ މިނިވަން ފަންސާހަށް މާލެތެރެ
ޒީނަތްތެރިކޮށްފައިވުމާއި، އެހެނިހެންވެސް ބައެއް ހަރަކާތްތައް ކުރިއަށްދާތީ
އާއިލާތަކާއި ކުޑަކުދިންނަށް އެތަންތަން ބަލާލުމުގެ ފުރުސަތު ދިނުމުގެ
ބޭނުމުގައިކަމަށް ވިދާޅުވި. އެގަޑިތަކުގައި ހަމައެކަނި ދުއްވުމުގެ ހުއްދަ ދެވޭނީ،
ޚާއްސަ ބޭނުންތަކަށް ދުއްވާ އުޅަނދުތަކަށާއި، ސަލާމަތީ ބާރުތަކުގެ އިތުރުން ޓެކްސީ
ސެންޓަރުގެ ތެރެއިން ދިހަ ޓެކްސީއަށްކަމަށެވެ. 

ޚާއްސަ ބޭނުންތަކަށް ދުއްވުމުގެ ހުއްދަ
ދެވޭނީ ހައުސިންގ މިނިސްޓްރީގެ އާންމު ޚިދުމަތްތަކާބެހޭ ބައިންކަމަށްވެސް
ނާފިޒް ފާހަގަކުރެއްވިއެވެ. ދުއްވުން މަނާ ގަޑިތަކުގައި ދުއްވާ ފަރާތްތައް ހަތް ސަތޭކަ
ފަންސާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.


މިގަޑިތަކުގައި މިއަދު ދުއްވުން މަނާކުރި ނަމަވެސް މާދަމާ އެއްވެސް ގަޑިއެއްގައި
ދުއްވުން މަނާކުރުމަށް ނިންމާފައި ނުވާކަމަށް ޓްރަންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން
އަބްދުއް ރަޝީދު ނާފިޒް ވިދާޅުވިއެވެ.