ޚަބަރު

މިނިވަން 50ގެ އިޙްތިފާލަށް ބޭރުގެ އިއްޒަތްތެރިން ވަޑައިގަތުން


މިނިވަން ފަންސާހުގެ ޚާއްސަ އިހްތިފާލަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.އެގޮތުން މިއަދު ހެނދުނު މޮރިޝަސްގެ މިނިސްޓަރ އޮފް ސިވިލް ސާވިސް އެންޑް އެޑްމނިސްޓްރޭޝަން ރިފޯމް މޭރީ ރޮލެންޑް އެލައިން ވޮން ޔެން ޗިއޮންވަނީ ރާއްޖެ ވަޑައިގެންފައެވެ. މޭރީ ރޮލެންޑަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ފޮރިން ސެކެޓްރީ އަބްދުﷲ ހަމީދުއެވެ.މީގެ އިތުރުން މިއަދު ހަތަރުގައުމެއްގެ މަތީފެންވަރުގެ ބޭފުޅުން ރާއްޖެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައިވެއެވެ.  އޭގެ ތެރެއިން ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރ މެޑަމް ޝެން ޔުއީވެސް މިހާރުވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ އިތުރުން ވަޑައިގަންނަވާ އިސްބޭފުޅުންގެ ތެރޭގައި ޕާކިސްތާން، އިންޑިއާ، ސައުދީ އަރަބިއްޔާ އަދި ޖަޕާން ފަދަ ގައުމުތަކުގެ ބޭފުޅުން ހިމެނެއެވެ. މިނިވަން ފަންސާހުގެ އިހްތިފާލަށް ވަޑައިގަންނަވާ ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ، ފަލަސްތީނާ ނޭޕާލާ ބަންގްލަދޭޝްގެ ފޮރިންގ މިނިސްޓަރުން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މާދަމާ މެންދުރު ކުރީގެ ވަގުތުތަކުގައެވެ.