ޚަބަރު

"ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ"އަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އައްޔަނުކުރައްވައިފި


"ގްލޯބަލް ޓޫރިޒަމް ކުރައިސިސް ކޮމިޓީ" އަށް ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އަދި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން އައްޔަނުކުރައްވައިފިއެވެ.

މިމަހުގެ 19ވަނަ ދުވަހު ބޭއްވި ޔޫއެންޑަބްލިއުޓީއޯގެ "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވަރޗުއަލް މީޓިންގ" ގައި އެކުލަވައިލުމަށް ނިންމި ކޮމިޓީއެކެވެ.

"ގްލޯބަލް ޓޫރިޒަމް ކުރައިސިސް ކޮމިޓީ" އަކީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޙައްލުތައް ހޯދުމަށް ގެނައުމަށްޓަކައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ކޮމިޓީއެކެވެ.

މި ކޮމިޓީގައި ހިމެނޭ ފަރާތްތަކުން ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވާނެއެވެ. އަދި ޤައުމުތަކުގެ ހާލަތުތައް ބަލާ ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ރާއްޖެއިން ދަނީ ޔޫއެންޑަބްލިއުޓީއޯގެ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ރޯލެއް އަދާކުރަމުންނެވެ. އެގޮތުން
ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ރިޔާސަތު ބަލަހައްޓާ ޤައުމަކީވެސް ރާއްޖެއެވެ.