ޚަބަރު

ރާއްޖެއަށް އެހީ ފޮނުވުމަށް ދަތިވަނީ އެކަށީގެންވާ ރޫޓެއް ނެތުމުން - ޗައިނާ ސަފީރު


ރާއްޖެއަށް އެހީ ފޮނުވުމަށް ދަތިވަނީ އެކަށީގެންވާ ރޫޓެއް ނެތުމުންކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނާވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގައި އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިންކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް ފޮނުވާނެ ފްލައިޓެއް ބަލަމުންދާކަމަށެވެ.

ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަޤްވާމީ ގިނަ އެހެން ފްލައިޓްތައްވެސް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން މުދަލާ މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.

ޗައިނާ ސަފީރުގެ ޓްވީޓާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިވާނެކަން ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އަވަސް މުސްތަޤްބަލެއްގައި މި އެހީ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖެއަށް ޗައިނާއިން ވެދެވޭނެ އެހީތައް ބަޔާންކޮށް މިވަގުތު އެންމެ ބޭނުންވާ އެހީގެ ތަފްސީލީ ލިސްޓެއް ޤާއިމުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޗައިނާގައި ކޯވިޑް 19 މިހާރު ކޮންޓްރޯލް ވުމާއެކު އެޤައުމުންވަނީ މިވައިރަސް ފެތުރެމުން އަންނަ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. .

ޗައިނާއިން މި ބަލި އެންމެ ފުރަތަމަ ފެނި ފެތުރެން ފެށުމާއެކު އެ ޤައުމަށް އެހީ ފޯރުކޮށްދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ޗައިނާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަކީ ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގިނަ އެހީތަކެއް ވެދެއްވާ ޤައުމެއްކަން ފާހަގަކޮށް ދިވެހިންގެ ފަރާތުން ވަނީ، ޗައިނާއަށް އެއް މިލިޔަން މަސްދަޅު ހަދިޔާކޮށްފައެވެ.