ސިއްހަތު

ޑެންގީހުން ޖެހިގެން ރިޕޯޓް ކުރާ ނިސްބަތް ދަށަށް


މާލެއާއި އަތޮޅުތަކުން ޑެންގީހުން ދުވާލެއްގެ މައްޗަށް ރިޕޯޓްކުރަމުންދާ ނިސްބަތް ދަށްވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ބުނެފިއެވެ.އެޗް.ޕީ.އޭއިން މައުލޫމާތުދިން ގޮތުގައި ވޭތުވެދިޔަ ދެ ހަފްތާގައި ޑެންގީހުން ޖެހިގެން ރިޕޯޓްކުރަމުންދާ މިންވަރު މަދުކަން ފާހަގަކުރެވިފައިވާކަމަށާއި، މިދުވަސްވަރު ޑެންގީހުން ޖެހިގެން ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް ރިޕޯޓްކުރަމުންދަނީ ފަހަކާއި ދިހައަކާއި ދެމެދުގެ އަދަދަތަކަށް ކަމަށެވެ. ޑެންގީހުން ޖެހިގެން މިހާތަނަށް 813 މީހުން އެޗް.ޕީ.އޭއަށް ރިޕޯޓްކޮށްފައިވެއެވެ. އެ އެޖެންސީއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް މާލެއިން ޑެންގީގެ 382 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އަތޮޅުތަކުން ޑެންގީހުންޖެހިގެން 431  ކޭސް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން 69 އިންސައްތަ މީހުންނަކީ ދިވެހިން ކަމަށާއި، 31 އިންސައްތަ މީހުންނަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށް އެޖެންސީއިން މައުލޫމާތުދެއެވެ. ޑެންގީހުން ޖެހިގެން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ށ އަތޮޅާއި ރ އަތޮޅާއި ބ އަތޮޅުނެވެ. ނަމަވެސް ޖުލައިމަސް ފެށުނުފަހުން އދ އަތޮޅާއި ޏ އަތޮޅުގެ އިތުރުން ލ އަތޮޅުން ޑެންގީ ޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު، މިހާތަނަށް މި ބަލީގައި ހަތަރު މީހަކުވަނީ މަރުވެފައިއެވެ. މިދިޔަ އަހަރު ޑެންގީގެ 700 ވުރެ ގިނަ ކޭސް ފެނިފައިވާއިރު، މިދިޔަ އަހަރު މި ބަލީގައި މަރުވެފައިވަނީ އެންމެ ދެ މީހުންނެވެ. ޑެންގީހުން ކޮންޓްރޯލްކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލާއި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީއިން އިލްތިމާސްކުރެއެވެ. އަދި ޑެންގީގެ ކޭސްއެއް ފެނިއްޖެނަމަ ލަސްނުކުރައްވާ 7548221 ނަންބަރާ ގުޅުއްވާ، ރިޕޯޓްކޮށްދެއްވުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައިއެވެ.