ޚަބަރު

މިނިވަން 50ގެ ކުލަތަކުން މާލެ ދިއްލާލައިފި


މިނިވަން ފަންސާހަށް ޚާއްސަކޮށްގެން ރާއްޖޭގައި
މީހުން ދިރިއުޅޭ ހުރިހާ ރަށެއް މާދަމާރޭ ދިއްލާލާނެކަމަށް ހޯމް މިނިސްޓަރ އުމަރު
ނަސީރު ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ މިހެން ވިދާޅުވީ މިރޭ ޕީއެސްއެމްގެ ޓީވީ
ބިލްޑިންގްއާއި ޓަވަރ ދިއްލާލެއްވުމަށްފަހު ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިވަން ފަންސާހަށް މުޅި ރާއްޖެ ދިއްލާލުމަށް ހޯމް
މިނިސްޓްރީން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމްގެ ތެރެއިން މިރޭ ޕީއެސްއެމްގެ
ޓީވީ އިމާރާތް ދިއްލާލަދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރުއެެވެ. ޓީވީ އިމާރާތް
ދިއްލާލެއްވުމަށްފަހު މިނިސްޓަރވަނީ އިމާރާތް ވަށައިގެން ހަރުކޮށްފައިވާ މިނިވަން ފަންސާހާ ގުޅުންހުރި ފޮޓޯތައް ބައްލަވާލައްވާފައެވެ. މިރޭ ޓީވީ އިމާރާތް
ދިއްލާލުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމްއިން ވަނީ ރާއްޖޭގެ ހަތަރު
ސަރަހައްދެއްގެ ހަތަރު ބަހުރުވަކުން ހަދާފައިވާ ގައުމީ ލަވަ ސީޑީއެއް ހޯމް
މިނިސްޓަރއަށް އަރުވާފައެވެ. ޓީވީ އިމާރާތުގެ އިތުރުން މިރޭވަނީ ޕީ.އެސް.އެމްގެ ރޭޑިއޯ
އިމާރާތްވެސް ދިއްލާލާފައެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ޓީވީ ޓަވަރ ޤައުމީ ކޮންމެ
މުނާސަބަތެއްގައިވެސް ދިއްލާކަމަށާއި އެހެންކަމުން މިއީ ތާރީޚާ ގުޅިފައިވާ
ޓަވަރެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. 

މާލޭގެ މަގުތަކަށް ބަލާއިރު މިހާރުވެސް ގިނަ މަގުތައް ވަނީ ދިއްލާފައެވެ. އަދި މާލޭގައި ހުރި  ސަރުކާރުގެ އޮފީސް އިމާރާތްތައް ދިއްލާލާފައިވާއިރު މިހުރިހާ އިމާރާތެއްވެސް
ދިއްލާލާފައިވަނީ ގައުމީ ކުލަތަކުންނެވެ. އެކި ކަހަލަ ޑިޒައިންތަކަށް ޤައުމީ
ކުލަތަކުން މުޅި މާލެތެރެ ދިއްލުމުގެ ފޯރި ގަދަވެފައިވާއިރު، ޤައުމީކުލަތައް ނުފެންނަ މަގެއް މަދޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. މިކަން ކުރުމުގައި ގިނަ
އަދަދެއްގެ އާއްމު ރައްޔިތުން ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަމުންދެއެވެ. ސަރުކާރުންވެސް ވަނީ މިނިވަން 50 އެންމެ ރީތިކޮށް ޒީނާތްތެރިކޮށް ދިއްލުމުގެ
މަސައްކަތް ކޮށްފައިވާ ފަރާތަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. ހަމައެހެންމެ މި މަސައްކަތް ކުރުމުގައި އެއްވަނައަށްދާ ފަރާތަކަށް
ރަން އަންގީގެ ލަޤަބުވެސް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.