ޚަބަރު

ކޯވިޑް-19 ފެތުރޭ މިންވަރު ހަލުވިކަމާއެކު އިތުރުވަމުންދާތީ ޤައުމުތަކަށް މީހުން ވަދެނުކުތުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި


ކޯވިޑް-19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ވިލާތުގެ ޤައުމުތަކުގައެވެ.

ވިލާތުގެ ޤައުމުތަގައި ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދުވަނީ 138،000އަށް އިތުރުވެފައެވެ. ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް ވިލާތުގެ އިއްތިޙާދުންވަނީ އެއިއްތިޙާދުގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް އެއްމަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާ ފިޔަވައި ވައިރަހުގެ އަސަރު ދެން އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީވިލާތަށެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ 6،500އަށްވުރެ ގިނަ މީހުން އެޤައުމުން ފެނިފައިވެއެވެ. އަދި ވައިރަސް ޖެހިފައިވާ ޖުމްލަ މީހުންގެ ޢަދަދުވަނީ 53،000އަށް އިތުރުވެފައެވެ. ވައިރަހުގެ ސަބަބުން 790އަށްވުރެ ގިނަ މީހުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުގައިވަނީ މަރުވެފައެވެ. އެއީ އެއްދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން އެއް ޤައުމަކުން އެންމެ ގިނައިން މީހުން މަރުވި ފަހަރެވެ. އެއާއެކު އެޤައުމުގައި ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 4،800އަށް އިތުރުވެފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ވައިރަހުގެ އަސަރު ދެވަނައަށް އެންމެ ބޮޑަށްކޮށްފައިވަނީ ސްޕެއިންނަށެވެ. އެޤައުމުން ވައިރަސް ޖެހިފައިވާ 25،500އެއްހާ މީހުން ފެނިފައިވެއެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 1،300އަށް އިތުރުވެފައެވެ. ސްޕެއިންގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ބުރަ ކުޑަކުރުމަށް އެޤައުމުގެ ސަރުކާރުންވަނީ ކުރީގެ ޞިއްޙީ ޚިދުމަތްތެރިންނާއި ޑަކްޓަރުކަން ކިޔަވަމުންދާ ދަރިވަރުން ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލާފައެވެ.

ޖަރުމަނުވިލާތަށްވެސް ކޯވިޑް-19ގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެޤައުމުގައި މިހާތަނަށް ބާވީސްހާސް 300 މީހުންގެ ގައިން ވައިރަހުގެ އަސަރު ފެނިފައިވެއެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 84އަށް އިތުރުވެފައެވެ.

އެމެރިކާގައި ވައިރަސްޖެހިފައިވާ މީހުންގެ ޢަދަދުވަނީ 26،700އަށްވުރެ އިތުރުވެފައެވެ. އަދި ވައިރަހުގެ ސަބަބުން އެޤައުމުގައި މިހާތަނަށް 344 މީހުންވަނީ މަރުވެފައެވެ. ވައިރަސް ފެތުރުން ހުއްޓުވުމަށް އެމެރިކާއާއި މެކްސިކޯ ޙިއްސާކުރާ ސަރަޙައްދީ ރޮނގު މިހާރުވަނީ ކުރު މުއްދަތުގެ ދަތުރުތަކަށް ބަންދުކޮށްފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އީރާނަށެވެ. އެޤައުމުގައި ވައިރަސްޖެހިފައިވާ މީހުންގެ ޢަދަދުވަނީ 26،600އަށް އިތުރުވެފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 1،500އަށްވުރެ އިތުރުވެފައެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އިންޑިޔާގައި މިހާތަނަށް 323 މީހުނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އަދި ވައިރަހުގެ ސަބަބުން މިހާތަނަށް 5 މީހުން އެޤައުމުގައި މަރުވެފައިވެއެވެ. ވައިރަސް ފެތުރުން ހުއްޓުވުމަށް އިންޑިޔާގެ ހުރިހާ ރައްޔިތުން ސާދަ ގަޑިއުރުވަންދެން އަމިއްލަ ގޭގައި ތިބުމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ އަންގަވާފައެވެ.

އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ވައިރަހުގެ އަސަރު މިހާތަނަށް އެންމެ ބޮޑަށް ކޮށްފައިވަނީ ދެކުނު އެފްރިކާއަށެވެ. އެޤައުމުގައި 240 މީހަކަށް މިހާތަނަށް ވައިރަސް ޖެހިފައިވެއެވެ. އެޤައުމުގައި ވަނީ ކުއްލި ކާރިޘާގެ ޙާލަތު އިޢުލާނުކޮށް ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތަކަށް ދަތުރުކުރުން މަނާކޮށްފައެވެ.