ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ތަޢުރީފް ކޮށްފިއެވެ.
މަސީންވަނީ ރާއްޖޭގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ތާޢީދު އޮތްކަން ހާމަކޮށްފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެޖަމްޢިއްޔާގެ ފުރިހަމަ ތާޢީދު އެބައޮތްކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ކުންފުނިތަކާ ޙަވާލުކުރުމުގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމާ ގިނަ ކުންފުނިތަކަށް މަސައްކަތްތައް ބެހިގެން ދާނޭގޮތަކަށް ސަރުކާރުން ޕްލޭންކޮށްފައި އޮތުމަކީ މިދަނޑިވަޅުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް މަސީއިން ބުނެއެވެ.
މަސީން ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ކުންފުނިތަކުން ވެސް މިޕެކޭޖުގެ ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް މި ޕެކޭޖްގެ ބޭނުން ހިފައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ސަރުކާރަށް އެއްބާރުލުން ދެމުން ގެންދިއުމަށް ވެސް މަސީން ގޮވާލާފައިވެއެވެ.
މިއަހަރު ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ 10.4 ބިލިއަން ރުފިޔާގެ މަޝްރުޢުތައް ހުއްޓާ ނުލައި ކުރިއަށްގެންދަން ސަރުކާރުންވަނީ ނިންމަވާފައެވެ. މިމަސައްކަތުގައި އިސްކަން ދޭނީ ދިވެހި ކޮންޓްރެކްޓަރުންނަށް ކަމަށްވެސް ސަރުކާރުން ބުނެއެވެ.