ދުނިޔެ

ޔަމަންގެ ހަނގުރާމައަށް ހައެްލުހޯދުމުގެ މަޝްވަރާ ފެށުން


ޔަމަންގެ ދާޚިލީ
ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން މިސްރުގެ ވެރިރަށް ޤާހިރާގައި ސުލްޙައިގެ
ވާހަކަތަކެއް ކުރިޔަށް ދާކަމަށް ޚަބަރު
ލިބިއްޖެއެވެ. ރޮއިޓާސް ބުނާގޮތުން މިވާހަކަތައް ކުރިޔަށްދަނީ ޔަމަންގެ ކުރީގެ ރައީސް
އަލީ އަބްދުﷲ ސާލިޙުގެ މަންދޫބުންނާއި، އެމެރިކާއާއި، އިނގިރޭސިވިލާތާ އަދި
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މަންދޫބުންނާއެކުއެވެ.ޔަމަންގެ ދާޚިލީ
ހަނގުރާމަ ހުއްޓާލައި އެޤައުމަށް ސުލްޙަ ގެނައުމާބެހެގޮތުން އެމެރިކާއާއި
އިނގިރޭސިވިލާތާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މަންދޫބުންނާއެކު މިސްރުގެ
ބެލުމުގެ ދަށުން ޤާހިރާގައި ވާހަކަތައް ކުރިޔަށްދާކަން އަލީ އަބްދުﷲ ސާލިޙުގެ
ކޮންގްރެސް ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ. އެޕާޓީގެ ލީޑަރެއްކަމަށްވާ އާދިލް ޝުޖާއު
ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިވާހަކަތަކުގެ ބޭނުމަކީ ސައޫދީ
އަރަބިޔާއިން ޔަަމަނާ ދެކޮޅަށް ދެމުންގެންދާ ވައިގެ ޙަމަލާތަކާއި އަޅާފައިވާ
ޙިޞާރުގެ ފިޔަވަޅުތައް ނައްތާލައި ޔަމަންގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ
ގޮތްތަކެއް ކަނޑައެޅުމެވެ. ހަނގުރާމައާއި ޙިޞާރުގެ ފިޔަވަޅުތަކުން ގެއްލުންލިބި ފަނާވަމުންދަނީ
ޔަމަންގެ ރައްޔިތުންކަމަށާ މިއީ ހަނގުރާމަ ހުއްޓާލުމަށްފަހު ސުލްޙަ އިޚުތިޔާރު
ކުރަންޖެހޭ ވަގުތު ކަމަށްވެސް އާދިލް ޝުޖާއު ވިދާޅުވި. ޔަމަންގެ ދާޚިލީ
ހަނގުރާމަ ހިނގަމުންދަނީ އެއްކޮޅުން ޔަމަންގެ ސަރުކާރަށް ތާއީދުކުރާ ގަބީލާތަކުގެ
ހަނގުރާމަވެރިންނާއި ސައޫދީއަރަބިޔާއާ އަނެއްކޮޅުން ހޫޘީ ހަނގުރާމަވެރިންނާއި
ކުރީގެ ރައީސް ސާލިޙަށް ތާއީދުކުރާ ފަރާތްތަކާ ދެމެދުއެވެ. މިހަނގުރާމައިގާ ހޫޘީންނާއި
ސާލިޙުގެ ބާރުތަކާ އަދި ޔަމަން ސިފައިންނަށް އަމާޒުކޮށް ސައޫދީ ސިފައިން
ބޮން އަޅައި ވައިގެ މަގުން ޙަމަލާތައް ދެމުން ގެންދާތާ ވަނީ ހަތަރުވަރަކަށް މަސް
ވެފައެވެ. ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދިނުމުގައި ސައޫދީ ސިފައިންނާއެކު ޔޫއޭއީއާއި ގަތަރުގެ ބާރުތައްވެސް ބައިވެރިވަމުންދެއެވެ. ސައޫދީގެ ޙަމަލާތަކުގައި ޔަމަންގެ
ބޮޑުބައެއް ހަލާކުވެ އެތައް ހާސްބަޔަކު މަރުވެފައިވާއިރު ޔަމަންގެ ސަރުކާރަށް
ތާއީދުކުރާ ހަނގުރާމަވެރިން ދާދިފަހުން ވަނީ ސައޫދީންގެ ޙަމަލާތަކުގެ އެހީގައި
ޔަމަންގެ ދެކުނުގެ ރަށެއްކަމަށްވާ އަދަންގެ އެއަރޕޯޓާއި އެރަށުގެ ބޮޑުބައެއް ހިފާފައެވެ.މިއީ ހޫޘީންނާއި ސާލިޙުގެ ބާރުތަކުގެ މައްޗަށް ލިބުނު ކާމިޔާބީ އެއްކަމަށް ސައޫދީ އާއި ސައޫދީންގެ
ހިމާޔަތުގައި އުޅުއްވާ ޔަމަންގެ ރައީސް މަންސޫރު ހާދީގެ ސަރުކާރުން ގެންދަނީ
ސިފަކުރަމުންނެވެ. އަދި މިފުރުސަތުގެ ބޭނުންކޮށްގެން ސައޫދީ އަރަބިޔާ މިހާރުވަނީ
ޔަމަންގެ ރައީސް މަންސޫރު ހާދީއަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް ބޭނުންވާ
ހަތިޔާރާއި އަސްކަރީ ވަސީލަތްތައް ވައިގެ މަގުން ފޯރުކޮށްދޭން ފަށާފައެވެ.ޔަމަންގެ ސުލްޙައިގެ
ވާހަކަތައް ޤާހިރާގައި ކުރިޔަށްދާކަން ޔަމަންގެ ސަރުކާރާ އަދި އެސަރުކާރަށް
ވާގިވެރިވާ ސައޫދީ އަރަބިޔާއިން ހާމަކޮށްފައެއްނުވެއެވެ.