މާލެ އަތޮޅު ރިޒޯޓަކުން ޤަވާޢިދާ ޚިލާފަށް ފުރައިގެން ފުވައްމުލަކަށް ދިޔަ 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ މިދެމީހުން ހައްޔަރުކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުގެ ތެރެއިން ރިޒޯޓުގައި ތިބޭ ފަރާތްތަކުން އާއްމުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ރިޒޯޓުން ފިލައިގެން ދިޔުމުގެ ސަބަބުންކަމަށެވެ.
ރިޒޯޓުގެ މެނޭޖްމަންޓަށް ނޭނގި އަމިއްލައަށް ދަތުރު ހަމަޖައްސައިގެން މިދެމީހުން މާލެއައިސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށާއި މިދެމީހުން ފުވަމުލަކަށް ގޮސްފައިވަނީ 20 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ފުވައްމުލަކަށް ދިޔަ ފްލައިޓެއްގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުވައްމުލަކަށް ދިއުމުން އެސިޓީން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ ރާއްޖޭގެ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުންވަނީ ރިޒޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށްވަނީ އަންގަވާފައެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައިވެސް ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާ އަދާކުރުމަށް ރިޒޯޓުތަކަށް ދެވޭނެކަމަށާއި އެހެންނަމަވެސް އެއްވެސް މުވައްޒަފަކަށް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށްވަނީ އަންގާފައެވެ. އަދި މިއާ ޚިލާފަށް ޢަމަލުކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރިސޯޓުން ޓޫރިސްޓުން އެއަރޕޯޓަށް ގެންދަންޖެހޭ ޙާލަތުގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު އަނބުރާ ރިޒޯޓަށް ދާ ގޮތަށް އެފަރާތްތަކަށް އެ ހުއްދަ ވަނީ ދީފައެވެ.