ޚަބަރު

"މަޖްލިސް" މި ނަމުގައި ޓީވީ ޗެނަލެއް ހިންގުމުގެ ހުއްދަ ދީފި


"މަޖްލިސް" މި ނަމުގައި ޓީވީ ޗެނަލެއް އުފެއްދުމުގެ ހުއްދަ ޕަބްލިކް ސާރވިސް މީޑިޔާއަށް ދީފިއެވެ.ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން މި ޗެނަލް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މުޅި ރާއްޖެއަށް ޚިދުމަތް ދެވޭގޮތަށެވެ. މި ހުއްދަ ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއީ 10 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ލައިސަންސެކެވެ. ޕީ.އެސް.އެމްގެ މަޖިލިސް ޗެނަލަކީ ރައްޔިތުންގެ މަޖިލީހަށް ޚާއްސަކޮށްގެން އުފައްދާ ޗެނަލެކެވެ. މި ޗެނަލް ކުރިއަށްދާނީ ޕީ އެސް އެމްގެ ނިއުސް އެންޑް ކަރަންޓް އެފެއަރޒް ޑިޕާޓްމެންޓްގެ ދަށުންނެވެ. މަޖިލީހުގެ ޖަލްސާތައް ލައިވްކޮށް ގެނެސްދިނުމުގެ އިތުރުން، މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ލައިވްކޮށާއި ރެކޯޑިންގެ ގޮތުގައި މިޗެނަލުން ގެނެސްދޭނެއެވެ. މީގެ އިތުރުން، ޚަބަރާއި މަޢުލޫމާތުތައް އަދި މަޖިލީހާ ގުޅޭ ކަރަންޓް އެފެއަރޒް ޕްރޮގްރާމްތަކާއި، ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްތަކާއި، މެމްބަރުންނަށް ހާއްސަ ކުރެވިގެން ތައްޔާރު ކުރެވޭ ޕްރޮގްރާމުތައް މި ޗެނަލުން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.މި ޗެނަލްގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ. އަދި ވަރަށް އަވަހަށް ޗެނަލް ލޯންޗް ކުރެވިގެންދާނެކަމަށް ޕީއެސްއެމް އިން މަޢުލޫމާތު ދެއެވެ.