ޚަބަރު

ސްރީ ލަންކާގައި ކާފިއު ޢިއުލާންކުރާތީ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި


ސްރީލަންކާގައި މިއަދު ކާފިއު އިޢުލާންކުރާތީ އެޤައުމުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކުރައްވައިފިއެވެ.

ގިނަ ޢަދަދަކަށް ދިވެހިންވެސް ދިރިއުޅޭ ސްރީލަންކާގެ ހުރިހާ ސަރަޙައްދެއްގައި މިއަދު އިރުއޮއްސި ހަޔަކުން އަންނަ ހޯމަ ދުވަހުގެ ހެނދުނު ހަޔަކާ ހަމައަށްވަނީ ކާފިއު އިއުލާންކުރުމަށް ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީންވަނީ އެ މުއްދަތުގެ ތެރޭގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންވެސް އެކަމަށް ޚާއްސަ ސަމާލުވެ، ސްރީ ލަންކާ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އަންގަވާފައެވެ.

އެޤައުމުގައި ކާފިއުއެއް އިއުލާންކުރަން ނިންމާފައި މިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ސްރީ ލަންކާއިން ފަސްދޮޅަސް ހަ މީހަކުވަނީ މިހާތަނަށް ޕޮޒިޓިވްވެފައެވެ.