ޚަބަރު

އާދީއްތަ ދުވަހު އިންޑިޔާގައި 14 ގަޑިއިރަށް ކާފިއު އިޢުލާންކުރަނީ


އަންނަ އާދީއްތަ ދުވަހު އިންޑިޔާގެ ހުރިހާ ރައްޔިތުން 14 ގަޑިއުރުވަންދެން އަމިއްލަ ގޭގައި ތިބުމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންގަވައިފިއެވެ.

ޤައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ ކޯވިޑް-19ން ރައްކާތެރިވުމުގެ ގޮތުން ޖަނަތާ ކާފިއުގެ ނަމުގައި އާދީއްތަ ދުވަހުގެ ހެނދުނު 07:00ން ރޭގަނޑު 09:00އަށް ކުރިއަށްދާ ކާފިއުއަށް އިންޑިޔާގެ ކޮންމެ ރައްޔިތަކުވެސް ބޯލަނބަންޖެހޭނެކަމަށެވެ. ކޯވިޑް-19އަކީ ނުރައްކާތެރި ބަލިމަޑުކަމެއްކަން ފާހަގަކުރައްވާ އެންމެން ގުޅިގެން ވައިރަހުން ސަލާމަތްވުމަށް ޖަނަތާ ކާފިއުއަށް ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި އިންޑިޔާގެ ހުރިހާ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ މީހުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް މޯދީ އެދިވަޑައިގެންނެވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި 29 ސްޓޭޓެއްގައި ދިރިއުޅޭ އިންޑިޔާގެ 1.3 ބިލިޔަނަށްވުރެ ގިނަ މީހުންގެ މައްޗަށް ކާފިއު ހިނގާނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި މިފަދަ ކާފިއުއެއް މުޅި އިންޑިޔާގައި އިޢުލާންކުރާ ފުރަތަމަ ފަހަރެވެ.

އިންޑިޔާއަކީ އެކި ބޭނުންތަނުގައި ދިވެހިންވެސް ވަރަށް ގިނަ ޢަދަދަކަށް ދަތުރުކުރާ ޤައުމެކެވެ. އަދި އެޤައުމުގައި ގިނަ ޢަދަދެއްގެ ދިވެހިންދަނީ ދިރިއުޅެމުންނެވެ. އެގޮތުން އިންޑިޔާގެ ކެރަލާގެ ވެރިރަށް ތިރުވަނަންތަޕޫރަމާއި ކޮޗިންއާއި ކަރުނާޓަކާގެ ވެރިރަށް ބެންގަލޫރާއި މައިސޫރުގެ އިތުރުން އިންޑިއާގެ ވެރިރަށް ދިއްލީގައި އެކި ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެއެވެ.