ވިޔަފާރި

ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ބޭރުފައިސާގެ އަދަދު އިތުރުކޮށް ބޭންކުތަކަށް އިތުރު އެހީ


އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ބޭރުފައިސާގެ އަދަދު އިތުރުކޮށް، ބޭންކުތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިސާދީ އެކިއެކި ދާއިރާތަކަށް ނޭދެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ހީނަރުުކަމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން އިޤްތިޞާދީގޮތުން ދިމާވާނެ ގެއްލުންތައް ދެނެގަނެ، މި ގެއްލުންތައް ކުޑަކުރުމަށް މިވަގުތަށް އެމްއެމްއޭ ގައި ބޭނުން ކުރެވެންހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށް، މިހާރުން މިހާރަށް މުހިއްމު ސިޔާސަތުތައް އެކުލަވާލާ ހިންގުމުގެ މަސައްކަތްތައް ކުރަމުން ދާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މި ދަނޑިވަޅުގައި މާލީ ނިޒާމަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭންކުތަކާއެކު މަޝްވާރާކޮށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅާފައިވާކަމަށާއި، ރާއްޖޭގެ ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކޮށް، މުވައްޒަފުންގެ ވަޒީފާ ގެއްލުނަ ނުދިނުމަށްޓަކައި މާލި އިދާރާތައް މެދުވެރިކޮށް ކުރެވޭނެ ކަންކަންވެސް ބަލަމުންދާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ބޭންކްތަކަށް ލިކުއިޑިޓީގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި ލިކުއިޑިޓީ ފޯރުކޮށްދިނުުމުގެ އިންތިޒާމުތައްވެސް ރޭވިފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެގޮތުން ލޯނު ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށްޓަކައި، މިފަދަ ލޯނުތަކަށް ފައިސާ ދެއްކުން 6 މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ބޭނުންވާ ރެގިއުލޭޓަރީ ފިޔަވަޅުތައް ބޭންކްތަކަށް އެންގުމާއި ބޭންކްތަކުން ލިކުޑިޓީގެ ބޭނުން ޖެހިއްޖެ ހާލަތެއްގައި، އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަރމެންޓް %5 އާ ހަމައަށް ދަށްކޮށްދެވޭނެ ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

އަދި މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެމްއެމްއޭއިން ކުރު މުުއްދަތުގެ ލޯނު ފެސިލިޓީއެއް ދެވޭނެ ގޮތް ހަމަޖެއްސުމާއި އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުުރުމާއި، އެމްއެމްއޭގައި ގާއިމުކޮށްފައިވާ އެެކިއެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުމަށްވެސް އެމްއެމްއޭއިންވަނީ ނިންމާފައެވެ.

މީގެއިތުރުން އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދުމާއި ސަރުކާރާ ގުޅިގެން އައިއެމްއެފްގެ މާލީ އެހީތެރިކަން ހޯދުމަށްވެސް އެމްއެމްއޭއިން ވަނީ ނިންމަވާފައެވެ.

މި ހާލަތުގައި އެމްއެމްއޭއިން ދެމުންގެންދާ ބޭންކިންގް އަދި ޕޭމަންޓް ސިސްޓަމްގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ އިދާރާތަކާއި ބޭންކްތަކާ ގުޅިގެން ހަމަޖައްސާފައިކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއިން ވަނީ ސަރުކާރު ބަންދު މުއްދަތުގެ ތެރެއިން 19، 23 އަދި 26 މާރިޗު މި ދުވަސްތަކުގައި ބޭންކިންގް ޚިދުމަތާއި ޕޭމަންޓް ސިސްޓަމްގެ ޚިދުމަތްތައް އެ ބޭންކުން ލިބޭނެގޮތްވެސް ހަމަޖައްސައި ދީފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ނަގުދު ފައިސާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.


ކޯވިޑް-19 ގެ ސަބަބުން، ރާއްޖެއާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތައް ގާތުން ބަލަމުން ދާ ކަމަށާއި، ރާއްޖޭގެ އިޤަތިޞާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.