ޚަބަރު

ފުލުހުންގެ ސަފުތައް ދިރާސާކުރުމަށް އުމަރު އެދިވަޑައިގެންފި




ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ފުލުހުންގެ
ސަފުތައް
ބަހާލެވިފައިވާގޮތް އަލުން ބެލުމަށް
ހޯމްމިނިސްޓަރ އުމަރު ނަސީރު އެދިވަޑައިގެންފިއެވެ.



ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެޑިއުޓީ
އަދާކުރުމުގެ ސަބަބުން ދިމާވި އެކިއެކި ހާދިސާތަކާއި ކަންކަމުގައި ނިޔާވެފައިވާ
ފުލުހުންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން
މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ ހިދުމަތް ފޯރުކޮށް ނުދެވި ވަރަށް ގިނަ ރަށްރަށް
އެބަހުރި ކަމަށާއި،  ސަރުކާރުން ބޭނުން ވަނީ ދިވެހި ފުހުންގެ ހުޝިޔާރު ފައުޖުގެ
އުފެއްދުންތެރިކަމާއެކު މުޅިރާއްޖެއަށް ހިދުމަތް ފުޅާކުރުންކަމަށެވެ.



ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެޑިއުޓީ
އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި ނިޔާވެފައިވާ
ފުލުހުންގެ ހަނދާނުގައި ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ"ގެ ގޮތުގައި
ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ތޭވީސް ވަނަ ދުވަހެވެ.



މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފުލުހުންގެ
ޚިދުމަތް ޤާއިމްކުރެވިފައިވަނީ 77 ރަށުގައިކަމަށެވެ. 114 ރަށަކަށް ފުލުހުންގެ
ޚިދުމަތް ނުދެވިވާކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ޚަރަދުތައް ހުންނަގޮތުން ގިނަ ޢަދަދެއްގެ
މީހުން ފުލުހުންގެ ވަޒީފާއަށް ވައްދައި، ހުރިހާ ރަށަކަށްފޮނުވުން ފަސޭހަނޫންކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ބޭނުންވަނީ، ފުލުހުންގެ ހުށިޔާރު ފައުޖުތަކުގެ
އުފެއްދުންތެރިކަމާއެކު މުޅި ރާއްޖެއަށް އެޚިދުމަތް ފުޅާކުރުންކަމަށް މިނިސްޓަރ
އުމަރު ނަސީރު ވިދާޅުވިއެވެ.
"ފުލުހުންގެ މެނޭޖްމެންޓްގެ ކިބައިން އަޅުގަނޑު އެދެނީ ފުލުހުންގެ ފައުޖުތައް
އެތުރިފައިވާ ގޮތް އަލުން ބެލުމަށް. އަދި އެހެން ގައުމުތަކުގައި ފުލުހުންގެ
ފައުޖުތައް އެތުރިފައިވާ ގޮތް ބަލައި އަޅާ ކިޔަން" މިނިސްޓަރ އުމަރު ނަސީރު
ވިދާޅުވިއެވެ.



މިނިސްޓަރ ވަނީ ބޭރުގެ ބައެއް ގައުމުތަކުގައި ފުލުހުންގެ ޚިދުމަތް
ފޯރުކޮށްދޭގޮތުން މިސާލު ނަންގަވާ ވާހަކަފުޅު ދައްކާފައެވެ.



މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިންވަހީދު ދެއްކެވި
ވާހަކަފުޅުގައި، ފުލުހުން ވާންވާނީ ކުށްކުރުމުން
އަދަބު ދޭ ބަޔަކަށް ނޫންކަމަށާއި،  ފުލުހުން ވާންވާނީ ކުށް ކުރުމާ މީހުން ދުރުހެލި
ކުރާ ބަޔަކަށްކަމަށެވެ. ކޮންމެ ފުލުހެއްގެ  އަމާޒު ހުރީ މިކަމުގެމައްޗަށްކަން ކޮމިޝަނަރ
ފާހަގަކުރެއްވިއެވެ. ފުލުހުންނާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ރުޅިޔާ
ހަސަދައިގެ އަލިފާން ރޯކުރުވައި،  ރަށްޔިތުންގެ ހިތްތަކުގައި އުފައްދާ
ނުތަނަވަސްކަމުގެ ނަތީޖާއަކީ ފުލުހުންގެ ޚިދުމަތުގެ ޤުރުބާނީ އެފަދަ ފަރާތްތަކަށް
ނުފެނުންކަމަށްވެސް ވިދާޅުވިއެވެ.



ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމުގެ މަޤުޞަދަކީ ދިވެހި
ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެ ފަރާތްތަކުގެ ފުރާނަ ޤުރުބާން ކޮށްފައި ވާ
ފުލުހުންގެ އަގު ވަޒަންކޮށް އެ ހަނދާންތައް އާ ކުރުމެވެ. މިރަސްމިއްޔާތުގައި
ނިޔާވެފައިވާ ފުލުހުންގެ އާއިލާތަކުންވެސް ބައިވެރިވެފައިވެއެވެ.