ޚަބަރު

ކޯވިޑް-19: ޞިއްޚީ ޚިދުމަތްތެރިންނަށް އައިޖީއެމްއެޗުން ފުރުސަތު ހުޅުވާލައިފި


ކޯވިޑް-19އާއި ގުޅިގެން ސިއްހީ ޚިދުމަތް ދިނުމުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އައިޖީއެމްއެޗުން ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޤައުމަށް ދިމާވެފައިމިވާ ސިއްހީ ނުރައްކަލުގެ މިޙާލަތުގައި ޚިދުމަތް ކުރުމުގެ ޝައުގުވެރިންކަން ހުރި ފަރާތްތަކަށް އެފުރުސަތު އެހޮސްޕިޓަލުން ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ސިއްޙީ ޚިދުމަތްތެރިން އެހޮސްޕިޓަލްގެ ނަމްބަރު 7980282 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް އެހޮސްޕިޓަލުން އެދެއެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ ކުރިން ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަންނީ އަދި ތަޖުރިބާކާރުންގެ ތެރެއިން މިވަގުތު މަސައްކަތާއި ދުރުގައި ތިބި ފަރާތްތަކަށެވެ.

ސިއްޙީ ދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކުންވެސް މިކަމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީންވެސްވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްޙީ ނުރައްކަލުގެ މިޙާލަތުގައި އެންމެ ބޮޑު އެއް މައްސަލައަކީ އެކަށީގެންވާ އިންސާނީ ވަޞީލަތް އެއްވެސް ޤައުމެއްގައި ނެތުމެވެ. އެހެންނަމަވެސް ކޮންމެ ޤައުމަކުންވެސް އަންނަނީ ވައިރަސްއިން ރައްކާތެރިވުމަށް ސިއްޙީ ތަޖުރިބާކާރުންނާއި ވޮލަންޓިއަރުންނާ ގުޅިގެން މިވައިރަސްއިން އަރައިގަތުމުގެ މަސައްކަތްކުރަމުންނެވެ.