ޚަބަރު

ކޯވިޑް-19: ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިންވެސް ގޭގައި ކަރަންޓީނު ކުރަނީ


ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުން މިދުވަސްވަރު އަންނަ ހުރިހާ ދިވެހިންވެސް ގޭގައި 14 ދުވަސްވަންދެން އެކަހެރިވެ ތިބުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިރޭ 12އިން ފެށިގެން އެމެރިކާއިން އަންނަ ދިވެހިންވެސް ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް ހޭދަކުރަންޖެހޭނެ ކަމަށެވެ.

މިއީ ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެގޮތުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ސަރަޙައްދުތައް ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ގޭގައި 14 ދުވަހު މަޑުކުރުމަށް ވަނީ އަންގާފައެވެ. އަދި އެމެރިކާއިން އަންނަ ދިވެހިން ރާއްޖެ އައުމާއެކު ސަރުކާރުން ހަމަޖައްސާފައިވާ ކަރަންޓީން ފެސިލިޓީއެއްގައި އެކަހެރިކުރުމަށް ވަނީ ނިންމާފައެވެ.

އަދި މި އެންގުންތަކާއި އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައެވެ.