ޚަބަރު

އީސީގެ މެންބަރުކަމަށް އަކްރަމް


އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް މިހާރުވެސް އެކޮމިޝަންގެ މެމްބަރު އަދި ނައިބް ރައީސް އަޙްމަދު އަކްރަމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް އަކްރަމް އައްޔަންކޮށްފައިވަނީ 72 މެމްބަރުންގެ ވޯޓާއިއެކުގައެވެ. ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އޭނާގެ މަޤާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 4 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. މި މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި އީސީގެ ކުރީގެ މެމްބަރު އަޙްމަދު ފަޔާޒްވެސް ހިމެނެއެވެ. ދެން އެމަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދުގެ އިތުރުން އަޙްމަދު މަންސޫރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭކޮމިޓީންވަނީ މި 4 ބޭފުޅުންނާއިވެސް އިންޓަރވިއުކޮށް 4 ބޭފުޅުންނަށްވެސް ކޮމިޓީން ރުހުންދީފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފުގެ މެމްބަރުކަމުގެ މުއްދަތުވެސް މިއަހަރުގެ ތެރޭގައި ހަމަވާނެއެވެ.