ވިޔަފާރި

މަރުކަޒީ ބޭންކުގެ ޚިދުމަތްތައް ބަންދުތެރޭ 3 ދުވަހަކު ދޭނެ - އެމްއެމްއޭ


ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަ ދުވަސްތަކުގެ ތެރެއިން ބައެއް ދުވަސްތަކުގައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޚިދުމަތްތައް ދެމުންދާނެ ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

މާޗުމަހު 19 އިން 26 އަށް ސަރުކާރު ބަންދުކޮށްފައިވީނަމަވެސް އެމްއެމްއޭގެ ޚިދުމަތްތައް ތިން ދުވަހަކު ދޭނެއެވެ. އެގޮތުން ޚިދުމަތް ދޭން ނިންމާފައިވަނީ މިމަހުގެ 19، 23 އަދި 26 ވަނަ ދުވަހުއެވެ. މިދުވަސްތަކުގައި ބޭންކިންގެ ޚިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަނެ، ދޫކުރާނީ ހެނދުނު 9:30 ހުން ފެށިގެން 11:30 އަށެވެ. ވަކިލާރި ބަލައިގަނެ ދޫކުރަނީ ހެނދުނު 9:30 ހުން 11:00ށް ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ އޮންލައިން ޕްލެޓްފޯމް ޖެމްސް ބޭނުންކުރާ ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] އިންނެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވިޔަސް އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ބައެއް ތަންތަނުން ޚިދުމަތް ދޭ ގަނޑިތައް ބަދަލުކޮށް، އޮންލައިންކޮށް ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ދަނީ ހަމަޖައްސަމުންނެވެ.