ޚަބަރު

އެމް.އާރު.ޑީ.ސީން އުސްފަސްގަނޑު މިރޭ ހަވާލުކުރަނީ


މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނުން އުސް ފަސްގަނޑުގައި ކުރަމުންގެންދާ މަސައްކަތްތައް ނިންމުމަށްފަހު މިރޭ ހައުސިން މިނިސްޓްރީއާއި ހަވާލު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، އެ ކޯޕަރޭޝަނާއި ހަވާލުކުރި މަސައްކަތްތަކުގެ 99 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި، ބާކީ ހުރި ކުދި ކުދި މަސައްކަތްތައް ނިންމާ މިރޭ ހައުސިން މިނިސްޓްރީއާއި ހަވާލު ކުރެވޭނެ ކަމަށެވެ. މިނިވަން ދުވަހުގެ ރަސްމީ ހަފްލާ ކުރިއަށްދާ އުސްފަސްގަނޑު ތައްޔާރު ކުރުމުގެ މަސައްކަތަކީ އެމް.އާރު.ޑީ.ސީން ވަރަށް އިސްކަންދީގެން ކުރި މަސައްކަތެއް ކަމަށްވެސް ނަޒީމް ވިދާޅުވިއެވެ. "ވިހި ދުވަސްތެރޭ މި ނިންމާލެވުނީ. ވަރަށް ބުރަކޮށް އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތްކުރި. ހާއްސަކޮށް ބިންގަނޑު ލެވެލް ކުރުމުގެ މަސަައްކަތް ދިޔައީ ވަރަށް ބުރަކޮށް. މިހާރު މަސައްކަތް ނިމިފައިވާއިރު، އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހިފައި މިތިބީ" ނަޒީމް ވިދާޅުވިއެވެ.  އުސްފަސްގަނޑުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓުން ކޮށްފައިވަނީ ބިންގަނޑު ލެވެލް ކުރުމާއި، ވޯކް ވޭތައް ހެދުމާއި، ޓެންޓްގެ ތަޅުން އެޅުމާއި އަދި ފިނި ބުއިންތައް ލިބޭގޮތަށް ތައްޔާރުކުރާ ކޮކްޓެއިލް ހައުސްގައި ތަޅުން އެޅުމުގެ މަސައްކަތްތެވެ. މީގެ އިތުރުން ސަރަހައްދު ޒީނަތްތެރި ކުރުމުގެ ގޮތުން ރުއް އިންދުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ކޮށްފައިވެއެވެ.