ޚަބަރު

މިމަހު މުސާރާ: އިތުރުގަޑީ ފައިސާ ނުހިމެނޭ، ގަޑިޖެހުމުން ނުކަނޑާނެ


ބައެއް އޮފީސްތަކުގެ މުވައްޒަފުންގެ މާޗްމަހުގެ މުސާރައިގެ ތެރޭގައި އިތުރުގަޑީގެ ފައިސާއާއި ގަޑިޖެހުމުން މުސާރައިން އުނިކުރާ ފައިސާ ނުހިމެނުމަށް ފިނޭންސް މިނިސްޓްރީން އަންގަވައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި މާދަމާއިން ފެށިގެން މިމަހުގެ 26ވަނަ ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ސަރުކާރުންވަނީ ނިންމާފައެވެ. އެހެންކަމުން މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ވަނީ ސަރކިއުލާއެއް ފޮނުވާފައެވެ.

މިސަރކިއުލާގައިވަނީ މިއަދުގެ މެންދުރު 2:00ގެ ކުރިން އެއޮފީހަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާނެ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އަންގަވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރގައި ފާހަގަކޮށްފައިވާ އޮފީސްތައް

  • މިނިސްޓްރީ އޮފް ހެލްތް، އަދި އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އޮފީސްތައް
  • މޯލްޑިވްސް ޕޮލިސް ސަރވިސް
  • މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
  • ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
  • އައި.ޖީ.އެމް ހޮސްޕިޓަލް
  • ހުޅުމާލެ ހޮސްޕިޓަލް
  • މިނިސްޓްރީ އޮފް ޓޫރިޒމް
  • މޯލްޑިވްސް އިމިގްރޭޝަން
  • މިނިސްޓްރީ އޮފް ފިނޭންސް
  • ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިި އޮފީސްތަކުގެ މުސާރަ ޕަބްލިކް އެކައުންޓިންގް ސިސްޓަމަށް "އެންޓަރ"ކުރުމާއި "ޕޯސްޓް" ކުރުމުގެ މަސައްކަތްކުރަނީ އެ އޮފީހުންކަމަށެވެ.

މިސަރކިއުލާގައިވަނީ މުސާރައާއި ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އިތުރުގަޑީގެ ފައިސާއާއި، ގަޑިޖެހުމުން މުސާރައާއި އިނާޔަތްތަކުން އުނިކުރާ ގަޑީލާރީގެ ފައިސާ މިމަހުގެ މުސާރައިގައި ނުހިމެނުމަށެވެ. އަދި އެފައިސާ އުނިއިތުރު ކުރާނެ ގޮތްތައް މިނިސްޓްރީއިން ފަހުން އަންގަވާނެ ކަމަށްވެސް އެސަރކިއުލާގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިމަހުގެ ޕެންޝަން ފައިސާ ހިސާބުކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7 ކަމަށާ، އަދި އެއޮފީހަކުން ޕެންޝަންގެ މަޢުލޫމާތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ "ކޮށާރު" ޕޯޓަލްއަށް އަޕްލޯޑް ކުރުމަށްވެސް މި ސަރކިއުލާގައިވަނީ އަންގަވާފައެވެ.

ކޯވިޑް-19ގެ ޙާލަޓާ ގުޅިގެން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެ ވަޒީރުންގެ މަޖިލީހުންވަނީ ސަރުކާރުގެ ޚަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން ނިންމަވާފައެވެ. އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން %20 އުނިކުރުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.