ޚަބަރު

ޤާނޫނީ ހުސްކަމަށް ޙައްލުގެނެވޭނަމަ މަޖިލީހުގެތެރެއިން ޙައްލުހޯދަން ތައްޔާރު - އިލެކްޝަންސް ކޮމިޝަން


ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި ޤާނޫނީ ހުސްކަމަކަށްދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލުކޮށްދެއްވަން ތައްޔާރަށް ތިއްބެވިނަމަ އިންތިޚާބު ފަސްކުރުމަށް ސްރީމްކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް މަޖިލީހަށް މަައްސަލަ ވެއްދުމަށް ތައްޔާރަށް ތިއްބެވިކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާގުޅޭގޮތުން ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކޮމިޝަނުން މިމައްސަލާގައި ސްޕްރީމްކޯޓަށް ގޮސްފައިވަނީ ދުސްތޫރީ މިފަދަ މައްސަލަތަކުގައި އެންމެފަހުބަސް ބުނާ ފަރާތަކީ އެކޯޓުކަމުގައި ވާތީކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައިވަނީ އަންނަ މަހުގެ 18ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެމުއްދަތުގައި އިންތިޚާބު ބޭއްވުމަށްވެސް ޤާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. އެގޮތުން ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ދޭންޖެހޭ މުއްދަތުވެސް ރާއްޖޭގެ މިހާރުގެ ޙާލަތު އޮތްގޮތުން ނުދެވޭނެކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ޤާނޫނުގައި މިހާރު ބުނާގޮތުން ޖޫން މަހުގެ 3ވަނަ ދުވަހަށް މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު ހަމަވާނެއެވެ. ނަމަވެސް ރާއްޖެއަށް ކުރިމަތިވެފައިމިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއެކު މިމުއްދަތުގެ ތެރޭގައި އާކައުންސިލަރުން އިންތިޚާބްކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ޙައްލުކޮށްދެއްވަައި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުން ޤާނޫނީގޮތުންހުރި ހުރިހާ ހުރަސްތަކެއް ނެތިގެންދާނެކަމަށެވެ.

މިބައްދަލުވުމުގައި ބައިވެރިވި ކޮމިޓީގެ ބައެއް މަޖިލިސް މެމްބަރުންވަނީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ޤާނޫނަށް މާއްދާއެއް އިތުރުކޮށް ޤާނޫނީ މައްސަލާގައި ހައްލުހޯދުމަކީ އޮތް އެންމެ ރަނގަޅުގޮތްކަމަށެވެ. އަދި މިކަމުގައި ކޯޓަށް ނުގޮސް މަޖިލީހުގެ ތެރެއިން ހައްލުހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް މެމްބަރުންވަނީ މަރުޙަބާ ވިދާޅުވެފައެވެ.