ކުޅިވަރު

ކޮޕަ އެމެރިކާވެސް ފަސްކޮށްފި


މިއަހަރުގެ ޖޫން މަހު ބާއްވަން ނިންމާފައި އޮތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ދެކުނު އެމެރިކާ ޤައުމުތަކުގެ މެދުގައި ކުޅޭ ސަރަހައްދީ މުބާރާތް ބާއްވަން މިއަހަރު ނިންމާފައި އޮތީ ޖޫން 12އިން ޖުލައި 12އަށެވެ. ނަމަވެސް މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން އާޖެންޓީނާ އަދި ކޮލަމްބިޔާ ގުޅިގެން ބާއްވަން ނިންމާފައިވާ މުބާރާތް ފަސްކުރަން ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާއިންވަނީ ނިންމާފައެވެ.

2021ގައި ކޮޕަ އެމެރިކާ އޮންނާނީ ޖޫން 11އިން ޖުލައި 11އަށެވެ. މީގެ އިތުރުން މިއަހަރުގެ ފަހުކޮޅު ކުޅެން ހަމަޖެހިފައިވާ ފީފާ ވަރލްޑްކަޕް ކޮލިފައިން މެޗުތައްވެސް ފަސްކުރަން ފީފާއިންވަނީ ހުއްދަ ދީފައެވެ.

ކޮވިޑް-19ގެ ސަބަބުން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގެ ފުޓްބޯޅަ ލީގުގެ މެޗުތައް ހުއްޓާލާފައިވާއިރު، ބައެއް ގައުމުތަކުގެ މެޗުތައް ކުޅެނީ ސަޕޯޓަރުން ނުވައްދައެވެ.

މިދިޔަ އަހަރުގެ ކޮޕަ އެމެރިކާގެ ފައިނަލްގައި ޕެރޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބްރެޒިލްއެވެ.