ވިޔަފާރި

އެފްއެސްއެމް ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑި ލަސްކޮށްފި


މިރެއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ދޭ ވަގުުތު އިތުރުކުރުމަށް ނިންމާފައިވާކަމަށް އެސް.ޓީ.އޯ ގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.ޕެޓްރޯލް ޝެޑްތައް ރޭނގަޑު ބަންދުކުރާ ގަޑި ލަސްކުރަން ނިންމީ، ޝެޑްތައް ކައިރީ ޕެޓްރޯލް އެޅުމަށް ދިގު ކިއޫތަކެއް އޮންނާތީކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ޕެޓްރޯލް
ޝެޑްތައް ކައިރީ ކިއު ދިގުވެގެން އުޅެނީ ޕެޓްރޯލް ހުސްވަނީ ކަމަށް ބުނެ
މާލޭތެރޭގައި ފެތުރިފައިވާ އަޑުތަކާއި ގުޅިގެން ކަމަށާއި، ނަމަވެސް ޕެޓްރޯލާއި ޑީސަލް ރާއްޖެއަށް ބޭނުންވާ ވަރަށް އެކުންފުނީގައި އެބަހުރިކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ބޮޑެތި ހަން ހިފައިގެން ޕެޓްރޯލް ގަތުމަށްދާކަން ފާހަނގަކުރައްވާ، ޝަހީރު ވިދާޅުވީ މިރެއިން ފެށިގެން ހަމާއި ފުޅިފަދަ ތަކެތި ހިފައިގެންދާ ފަރާތްތަކަށް ޕެޓްރޯލް ނުވިއްކާނޭކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލުވަންދެން ރޭނގަނޑު އިތުރު އެއްގަޑިއިރަށް ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ދެމުންދާނޭކަމަށްވެސް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. މާލޭގައި ޕެޓްރޯލް އަދި ޑީސެލްގެ ވިޔަފާރި ކުރާ މެރީޑިއަމުންވެސް ބުނީ ޕެޓްރޯލާއި ޑީސެލްގެ އެއްވެސް ދަތިކަމެއް ނޫޅޭ ކަމަށެވެ. އަދި އިއްޔެ މެރީޑިއަމްގެ ޕެޓްރޯލް ޝެޑް ބައެއް ވަގުތުތަކުގައި ބަންދު ކޮށްފައި ހުރީ ޕެޓްރޯލާއި ޑީސެލް ހުސްވެގެން ނޫން ކަމަށާއި އެއީ އެ ޝެޑްގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށްވެސް މެރީޑިއަމް އިން މައުލޫމާތުދެއެވެ.