އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރީޔޫނިއަންއަށް
ދާ ރާއްޖޭގެ ކޮންޓިންޖެންޓް މެގަ މޯލްޑިވްސް ފްލައިޓެއްގައި
ދިއުމަށް ނިންމައިފި އެވެ. މެގަމޯލްޑިވްސް އިން ރީޔޫނިއަންއަށް ޑައިރެކްޓް
ފްލައިޓެއްގައި ޓީމްދިއުމަށް ނިންމާފައިވާއިރު، ޓީމް އެނބުރި ރާއްޖެ އައުމަށް
ހަމަޖެހިފައިވަނީ މޯލްޑިވިއަންގައެވެ. މެގަމޯލްޑިވްސްއާ އޮލިމްޕިކް ކޮމިޓީއާ ދެމެދު
ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮންޓިންޖެންޓް މިމަހުގެ ތިރީސް ވަނަ
ދުވަހު ރީޔޫނިއަން އައިލެންޑަށް ދާނީ ހާއްސަ ފްލައިޓެއްގައެވެ. މިއެއްބަސްވުމުގައި
މެގަ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް ޑިރެކްޓަރ ޝިން ތޯމަސް.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ހަޒާންދާރު ހުސެއިން
ރަޝީދު. މެގަ މޯލްޑިވްސްގެ މީޑިއަރ ކޯޑިނޭޓަރ ޖާވިދު
ފައިސަލް ބުނީ މިކަމުގައި މެގަ މޯލްޑިވްސްއިން ބައިވެރިވަނީ ޤައުމީ ކަމެއްގެ
ގޮތުގައި ދެކިގެން ކަމަށާއި، ރާއްޖޭގެ ޓީމަށް މެގަ މޯލްޑިވްސްގެ ފަރާތުން
ކާމިޔާބީއަށް އެދޭ ކަމަށެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި
ބައިވެރިވުމަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރާނީ މިމަހުގެ ތިރީސް ވަނަ ދުވަހު މެންދުރުގެ
ވަގުތެއްގައެވެ.