ޚަބަރު

މަޖިލީހުގެ ޚަރަދުތަކުން މަހަކު 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދިނުމަށް އެދިއްޖެ


ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މަހަކު ހިނގާ ޚަރަދު ތަކުގެތެރެއިން ކޮންމެ މަހަކު 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދިނުމަށް ސަރުކާރުން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި މަޖިލީހުގެ ޚަރަދުތައް ކުޑަކުރުމަށް ފިނޭސް މިނިސްޓަރ އެދިވަޑައިގެންފައިވާކަމަށެވެ.

މިނިސްޓަރ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ކޮންމެމަހަކު މަޖިލީހުން ކުރާ ޚަރަދުތަކުގެ ތެރެއިން 19.3 މިލިޔަން ރުފިޔާގެ ޚަރަދު ކުޑަކޮށްދިނުމަށް އެދިވަޑައިގެންފައިވާކަމަށެވެ. މަޖިލީހުގެ ރައީސްވަނީ މިއީ މަޖިލީހަށް ނުކުރެވޭނެ ކަމެއް، ނޫންކަމަށްވިދާޅުވެ މިކަން ހަމަޖެއްސެވުމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއަށް ރައީސް މުޙައްމަދު ނަޝީދުވަނީ އަންގަވާފައެވެ.

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޞިއްޙީ ބޮޑު ގޮންޖެހުމާއެކު މުޅި ދުނިޔޭގެ އިޤްތިޞާދަށްދަނީ ބޮޑު ހީނަރުކަމެއް އަންނަމުންނެވެ. ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިތަކާއެކު މިއަހަރު ރާއްޖޭގެ އިޤްތިޞާދުވެސް ވަރަށްބޮޑަށް ދަށްވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި މިހާރު ކުރަމުންދާ ކަންކަމަށް ހޭދަކުރުމަށް ކޮންޓިންޖެންސީ ބަޖެޓުން 212 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.