ޚަބަރު

މަތީ ތަޢުލީމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަށް ގިނަ ފަރާތްތަކުގެ ޚިޔާލު ބޭނުން: މިނިސްޓަރ


ފެންވަރު ރަނގަޅު މަތީ ތަޢުލީމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަށް ގިނަ ފަރާތްތަކަކުން ޚިޔާލު ހުށަހެޅުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ގޮވާލައްވައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިފަދައިން ގޮވާލައްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމާއި ގުޅިގެންނެވެ. މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާ ރައްޔިތުންގެ މަޖިލީހުން ކުރެއްވި ޓުވީޓް ރިޓުވީޓްކުރައްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ، މަތީ ތަޢުލީމާއި ބެހޭ ބިލަށް ވީހާ ގިނަ ފަރާތްތަކުގެ ޚިޔާލު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ފެންވަރު ރަނގަޅު މަތީ ތަޢުލީމުގެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރެވޭނީ ހުރިހާ އެންމެންގެ ހިއްސާއާއެކުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ކުރެއްވި ޓުވީޓް

ސަރުކާރުގެ ފަރާތުން މަތީ ތައުލީމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤެވެ. މި ބިލަކީ މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ބަޔާންކުރުމާއި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ޤާނޫނުގެ ބިލެވެ.

މީގެ އިތުރުން މަތީ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރކޮށް، އެ މަރުކަޒުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުޞޫލުތައް މި ބިލް ޤާނޫނަކަށް ވެގެންދާއިރު ބަޔާންކުރާނެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، އެކްރެޑިޓޭޝަނާއި އެކަޑެމިކް އޮޑިޓާއި އިންސްޓިޓިޔުޝަނަލް އޮޑިޓްކުރުމުގެ އިތުރުން، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފައްދާނެއެވެ.

އަދި މީގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ޚިދުމަތްކުރަމުންދިޔަ މުވައްޒަފުންނާއި އެއިދާރާއިން ކުރަމުންދިޔަ އެންމެހާ މަސައްކަތްތައް މި ޤާނޫނުގެ ދަށުން އުފެދޭ އޮތޯރިޓީގެ ދަށަށް ބަދަލުވެގެންދާނެއެވެ.

މިބިލް ޤާނޫނަކަށްވުމުން ރާއްޖެއިން ބޭރުގެ ކޮލެޖްތަކާއި އިސްޓިއުޓްތައް ނުވަތަ ކޮލެޖްތަކުގެ ކެމްޕަސްތައް ރާއްޖޭގައި ހިންގަންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިންކަމާއި، އެތަންތަނަށް ދަރިވަރުން ވެއްދޭނެ ގޮތާއި، ދަރިވަރުންނަށް އެކަށީގެންވާ ޝަކުވާގެ ނިޒާމެއްވެސް މި ޤާނޫނާއެކު ކަނޑައެޅިގެންދާނެއެވެ.