ޚަބަރު

ބެލެނިވެރިން ސައިބާ ކްރައިމަށް އަހުލުވެރި ކުރުމަށް ފޮތެއް ނެރެފި


އިންޓަނެޓްގެ ޒަރިއްޔާއިން ދަރިވަރުންނަށް ކުރިމަތިވެދާނެ ނުރައްކާތެރިކަމަސް ބެލިނިވެރިން އަހުލުވެރިކުރުމަށްޓަކައި "ސައިބަރ ސޭފްޓީ"ގެ އަތްމަތީ ފޮތެއް ނެރެފިއެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ސްކޫލްތައް ބަންދުކޮށް އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައި ދިނުމަށް ނިންމުމާ ގުޅިގެން އެ ދަރިވަރުން، އިންޓަނެޓު ބޭނުންކުރާއިރު، ބެލެނިވެރިން އެކަމަށް އަހުލުވެރިކުރުމަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ފޮތެކެވެ.
މި ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މިފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ މިފޮތަކީ އިންޓަނެޓާއި މީސްމީޑިއާގެ އެކި ވަސީލަތްތައް ދަރިވަރުން ބޭނުން ކުރަމުން އަންނަ އިރު ކުރިމަތިވެދާނެ ނުރައްކާތަކަށް ބެލެނިވެރިން އަހުލުވެރި ކުރުވުމަށްޓަކައި އެކުލަވާލައިފައިވާ ފޮތެއް ކަމަށެވެ. މިފޮތުގެ ޒަރިއްޔާއިން، ރައްކާތެރިކަމާއެކު މިފަދަ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް އެނގިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ފޮތް ތައްޔާރުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން
މި ފޮތުގެޒަރިއްޔާއިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރާއިރު ރައްކާތެރިކަމާއެކު ބޭނުންކުރާނެގޮތްތައް ވަނީ ހިމަނާފައި. މިއީ ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްކަމުން އިންޓަނެތްގެ ޒަރިއްޔާއިން ފިލާވަޅުތައް ފޯރުކޮށްދެމުންދާއިރު، މުހިއްމު ފޮތެއް." ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވަނީ ރާއްޖެއަކީ އިންޓަނެޓު ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ޤައުމެއްކަމަށާ، ސްކޫލްތަކުގައި ތައުލީމް ޙާސިލް ކުރަމުން އަންނަ ކުދިންނާއި، އުމުރުން ހަގު ކުދިން އިންޓނެޓުގެ ވަސީލަތްތައް، ޚާއްސަކޮށް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރަމުން އަންނަ މިންވަރު ގިނަކަން ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަށް މިފަދަ ވަޞީލަތްތަކުން ކުރިމަތިވެދާނެ ނުރައްކާތެރިކަމުން ސަލާމަތްކުރުމަށް މި ފޮތުގެ އެހީ ބެލެނިވެރިންނަށް ލިބިގެންދާނެކަމަށެވެ.

"އިންޓަރނެޓްގެ ޒަރިއްޔާއިން ކުރިމަތިވާ ނުރައްކާތެރިކަމަށް ބެލެނިވެރިން އަހުލުވެރިކުރުވުމަށް ހާއްސަ ފޮތެއް ނެރުމުން އުފާކުރަން. ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭކަމެއް، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. ދަރިވަރުންނަށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ބުލީ ކުރުމާއި، އެކި ގޮތްގޮތުން ބްލެކްމެއިކް ކުރުން ފަދަ ކުއްތައް ދަނީ އާންމު ވަމުން. އެފަދަ މައްސަލަތައް އިންތިހާއަށް ގިނަ" ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ބެލެނިވެރިންނަށް ޚާއްސަކޮށްގެން އެކުލަވާލި "ސައިބަރ ސޭފްޓީ" އަތްމަތީ ފޮތުގައިވަނީ ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ 9 ކަމެއް ވަނީ ފާހަގކޮށްފައެވެ. މީގެ ތެރޭގައި ވަކި ވެބްސައިޓްތަކާއި އުމުރާނުގުޅޭ ތަކެތި ނުބެލޭނެ ގޮތް ހެދުމާއި ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރާނެ ގޮތް ދަރިވަރުންނަށް ބުނެދިނުން ހިމެނެއެވެ. މީގެ އިތުރުން އިންޓަރނެޓް ބޭނުންކުރަން ވަކި ގަޑިތަކެއް ކަނޑައެޅުމާއި ހާމަތަނެއްގައި އިންޓާރނެޓް ބޭނުންކުރަން ހަމަޖެއްސުންފަދަ މުހިއްމު ކަންކަން ވަނީ ހިމަނާފައެވެ.