ޚަބަރު

ގަޑިއެއްހާއިރުތެރޭ ލިލީމަގަށް ކަރަންޓް ދެވޭނެ - ސްޓެލްކޯ


މާލޭ ލިލީމަގު ހުންނަ ސަރަހައްދުން ރެއިން ފެށިގެން ކަރަންޓް ކެނޑިފައިވާތީ، އެ މައްސަލަ ހައްލުކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ގަޑިއެއްހާއިރުތެރޭ އެސަރަހައްދަށް އަލުން ކަރަންޓް ފޯރުވައިދެވޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ލީލީމަގުގެ ސްވިޗް ބޯޑަށް ދިމާވި މައްސަލައަކާ ގުޅިގެން ރޭ ދަންވަރު އެއްގަނޑި ތިރީސްހާއިރުން ފެށިގެން އެސަރަހައްދުން ވަނީ ކަރަންޓް ކެނޑިފައެވެ. ޕަބްލިކް ސާރވިސް މީޑިއާ، ޕީ.އެސް.އެމަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހިމް ރަޢޫފް ވިދާޅުވީ، ލީލީމަގު ސްވިޗް ބޯޑަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި، ސްޓެލްކޯގެ އިންޖިނިއަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. ރައޫފް ވިދާޅުވީ، ސްވިޗް ބޯޑަށް މައްސަލަދިމާވާން މެދުވެރިވި ސަބަބު އަދި ނޭގުނުނަމަވެސް، ކުރިއަށް އޮތް ގަޑިއެއްހާއިރު ތެރޭ އެ ސަރަހައްދަށް އަލުން ކަރަންޓް ފޯރުކޮށްދެވޭނެކަމަށެވެ. މިނިވަން ފަންސާހާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ޒީނަތްތެރިކޮށް، އެކިކަހަލަ ދިއްލުންތަކުން ދިއްލަމުން ދިޔުމާއި ގުޅިގެން ކަރަންޓް ބޭނުންކުރާ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އަދި މާލެއަށް ކަރަންޓް ފޯރުވައިދޭ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ބޭނުންކުރުމުގައި ވީހާވެސް ޚަރަދުކުޑަކޮށް ބޭނުން ކުރުމަށް އެކުންފުނިން މީގެކުރިންވެސް އިލްތިމާސްކޮށްފައިވެއެވެ.