ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލާ ދުވަސް އިތުުރަށް ލަސްކޮށް ދިނުމުގެ އަމުރަކަށްއެދި އެދި އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ހައިކޯޓުގައި އެދިފައިވާނީ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެއްޖެކަމަށް އެޗްޕީއޭއިން ކަނޑައަޅުމަށްފަހު ދެން ވޯޓުލުން ކުރިއަށްގެންދާނެ ތާރީޚެއްގައި ކަނޑައެޅުމުގެ ލަފައަކަށްކަމަށެވެ.
ކޯވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެއްސި އިންތިޚާބުތަކުގެ ވޯޓުލުން އޭޕްރީލް 18 އަށް ލަސްކުރުމަށް ނިންމިކަން އިއުލާންކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ކޯވިޑް-19 އާގުޅިގެން ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާ ހޯދުމަށްފަހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރުމަށް ކޮމިޝަނުގެ މެންބަރުން ނިންމާފައިވާކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުގެ ފަރާތުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ މުއްދަތުން ފެށިގެން ދެން ލިބޭ 6 ދުވަހުގެ މުއްދަތުގައި އެކަށީގެންވާ މުއްދަތެއް ކެމްޕެއިން ކުރުމަށް ނުލިބޭތީއާ، އީސީންވެސް ކުރަންޖެހޭ ބައެއްކަންކަމަށް އެދުވަސްތައް މަދުވުމުންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 18 އަހަރުވާ މީހުންގެ ލިސްޓު އެކުލަވާލަން ޖެހެނީވެސް މި މުއްދަތުގެ ތެރޭގައިކަމާއި އަދި މީހުން ތަމްރީނުކުރަންޖެހޭނީވެސް މިމުއްދަތުގައިކަމަށްވުމުން މިއޮތް ހާލަތުގައި އެކަންކަން ނުކުރެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ/
އިންތިޚާބުތަކުގެ ޤާނޫނު ބުނާގޮތުން އިންތިޚާބު އެންމެ ފަސްކުރެވޭނީ މޭ މަހުގެ ތިިންވަނަ ދުވަހުގެ ނިޔަލަށްކަމަށާއި، މިހާރު އިންތިޚާބުގެ ތާރީހުތައް ތާވަލުކޮށްފައިވަނީ ދެވަނަ ބުރެއް ބާއްވަން ޖެހުނު ނަމަވެސް އެ ބުރުގެ ކަންކަންވެސް ޤާނުނުގައި ބުނާ ތާރީހަށް ނިމޭ ވަރަށް ކަނޑައަޅައިގެންކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
އިންތިޚާބުގެ ވޯޓުލާ ދުވަސް ފަސްކުރިނަމަވެސް މުޅި އިންތިޚާބު ފަސްކުރުމުގެ ޤާނޫނީ ބާރު ކޮމިޝަނަށް ލިބިފައިނުވާތީ ހައިކޯޓުގައި އެދިފައިވަނީ މިހާރުގެ ހާލަތަށްބަލައި މުޅި އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށާއި، އަލުން އިންތިޚާބު ބާއްވާނެ ދުވަހެއް ކަނދައެޅުމުގެ އިޚްތިޔާރު އެކޮމިޝަނަށް ދިނުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިން އިންތިޚާބާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރާނަމަ އިންތިޚާބުގެ ތައްޔާރީތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 30 ދުވަސްކުރިން އިންތިޚާބު ބާއްވަންޖެހެއެވެ.