ވިޔަފާރި

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް.އައި.ބީން އާންމުކޮށް ޙިއްޞާ ވިއްކުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވެ ޕެންޝަން އޮފީހުން ވަނީ އެމް.އައި.ބީ ގެ މޭޖަރ ޝެއަރހޯލްޑަރ އަކަށް ވެފައެވެ. މިއާއެކު އެމް.އައި.ބީގެ ހިންގާ ގަވާއިދުގެވާގޮތުގެމަތިން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ނޮމިނޭޓް ކުރުމުގެ ފުރުޞަތު ޕެންޝަން އޮފީހަށްވަނީ ލިބިފައެވެ.

އެމް.އައި.ބީގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާން ކޮށްފައިވާ ތަޢުލީމީ ފެންވަރާއި، މަސްއޫލިއްޔަތުތަކާއި އަދި އެހެނިހެން ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންޖެހޭނެކަމަށްވެސް ޕެންޝަން އޮފީހުން ބުނެއެވެ.

މި މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މިމަހުގެ 25ވަނަ ދުވަހުގެ ހަތަރެއް ޖެހުމުގެ ކުރިން، ޕެންޝަން އޮފީހުގެ އީމެއިލް އެޑްރެހަށް ހުށަހެޅުމަށް އެ އޮފީހުންވަނީ އެދިފައެވެ.