ޚަބަރު

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11އަށް


އިތުރު ބިދޭސިއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މި މީހާއަކީ އަނަންތަރަ ދިގު ރިސޯޓުން ކޯވިޑް-19 އަށް ޓެސްޓްކުރި މީހެއް ކަމަށެވެ. މި މީހާ މިހާރު ހުރީ ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ 11 މީހުން އެބަތިއްބެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ މުވައްޒަފުން ހިމެނެއެވެ.

ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ:
- ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
- ކުރަމަތި މޯލްޑިވްސްއިން 2 މީހުން
- އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމަތްތައް ފެނުމާ ގުޅިގެން ބ. ފެހެންދޫއާއި އިތުރު 3 ރިސޯޓަކުން ކޯޑިވް-19 އަށް ޓެސްޓްކުރި ސާމްޕަލްތަކުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ބ. ފެހެންދޫގެ އިތުރުން، އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓު، ބަޑޮސް އައިލެންޑް ރިސޯޓް އަދި ޑްރީމްލޭންޑް މޯލްޑިވްސް އިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާގުޅިގެން ނެގުނު ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ޓެސްޓްތަކުގެ ނަތިޖާ ނެގެޓިވްވުމާ ގުޅިގެން އެ 4 ރަށަށްވެސް މޮނިޓަރިންގއިން ވަގުތީގޮތުން ނަގާފައިވާކަމަށެވެ.

ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމަންދޫ އައިލެންޑް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް އެޗް.ޕީ.އޭއިން އަންނަނީ ކުރަމުންނެވެ. އަދި އެ ބިދޭސީ މީހާ އާއި ކޮންޓެކްޓްވި އެހެންފަރާތަތައް އެކަހެރިކޮށް ބަހައްޓާފައިވާކަމަށާއި، ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނިޓަރިންގްއަށް ލާފައިވާކަމަށް އެޗް.ޕީ.އޭއިން ވަނީ ހާމަކޮށްފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ. އަދި މި ދަނޑިވަޅުގައި އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.