ޚަބަރު

ސްކޫލް ދަރިވަރުންގެ ފިލާވަޅުތައް "ޔެސް ޓީވީ"އިން ދައްކަންފަށައިފި


ސްކޫލް ދަރިވަރުންނަށް ފިލާވަޅުތައް ޕީއެސްއެމްގެ ޔެސް ޓީވީ ޗެނަލް މެދުވެރިކޮށް ދައްކަން ފަށައިފިއެވެ. މިއީ މިފަދަ ގޮތަކަށް ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

"ޓެލިކިލާސް"ގެ ނަމުގައި ސްކޫލް ދަރިވަރުންގެ ފިލާވަލޫތައް ބްރޮޑްކާސްޓް ކުރަން ފަށާފައި މިވަނީ ކޯވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށްޓަކއި ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލްތައް އެއް ހަފްތާއަށް ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް ކިޔަވާދޭނެ އިތުރު ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މިގޮތުން މިހަފްތާގެ ސެޝަންތައް ބޮޑަށް ޚާއްސަކޮސްފައިވަނީ ގްރޭޑް ދިހައެއްގެ ދަރިވަރިންނަށްކަމަށް އެޑިއުޚޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. "ޓެލިކިލާސް"ގެ ސެޝަންތައް ދައްކާނެ ވަގުތުތައް އެޑިއުޚޭޝަން މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާށްފައެވެ. މި ސެޝަންތައް ޕީއެސްއެމްގެ ޗެސްޓީވީ ޓީވީ ޗެނަލް އިން ދައްކާ ވަގުތު، ޔެސް ޓީވީ ފޭސްބުކްޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ލައިވް ސްޓްރީމް ކުރަމުންދާނެއެވެ.

ޔެސްޓީވީ ޗެނަލް ޕީއެސްއެމް ކަނެކްޓް މެދުވެރިކޮށް ހިލޭ ބަލާލެވޭނެއެވެ. އަދި ދިރާގު ޓީވީންވެސް ބަލާލެވޭނެއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް މިއަދުން ފެށިގެން އެއްހަފްތާއަށް ވަނީ ބަންދުކޮށްފައެވެ.

ޔެސްޓީވީ މެދުވެރިކޮށް ކްލާސްތައް ބްރޯޑްކާސްޓް ކުރުމުގެ އިތުރުންވެސް ދަރިވަރުންނަށް ފިލާވަޅު ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އެޑިޔުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެންކަމަށްވެސް ގެނެސްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ޚާއްސަކޮށްފައިވާ ވެބްޕޯޓަލްއާއި "ގޫގުލް ޑްރައިވް" މެދުވެރިކޮށް ލިބެން ހުންނާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.