ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާތަނަށް ދުނިޔޭގެ 145 ޤައުމަކާއި ސަރަޙައްދަކުން ވަނީ ފެނިފައެވެ. ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު 150،000 އިތުރުވެ، 5،600އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެހެންކަމުން އެވައިރަހުން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަންވަނީ އިންތިހާއަށް މުހިންމުވެފައެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަަށް ކުރުން އެންމެ މުހިންމު އެއްކަމަކީ ގިނައިން އަތްދޮވުންކަމަށް ޞިއްޙީ މާހިރުން ނަސޭހަތްތެރިވެއެވެ. އަތްދޮވުމަކީ ވަރަށް މުހިންމުކަމެކެވެ. ނަމަވެސް ގިނައިން އަތް ދޮންނަގޮތަށް އެންމެ ގިނައިން އަތުން ގެންގުޅޭ އާލާތްތައް ރަނގަޅަށް ސާފުކުރުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. ފޯނަކީ އެގޮތަށް ސާފުކުރުން އެންމެ މުހިންމު އެކައްޗެވެ.
މުޅި ދުވަހު އަތަށް ލައިގެން ގެންގުޅޭ ފޯނަކީ ވަރަށް ފަސޭހައިން ޖަރާސީމު އާލާވާ އެއްޗެކެވެ. ވައިރަހަކަށް ދެދުވަސް ނުވަތަ ތިންދުވަސްވަންދެން ފޯނުގެ ޕްލާސްޓިކް އަދި އެސްއެސް ފަށަލަތަކުގައި މަރުނުވެ ދެމިހުންނަކަމަށް ސައިންސުވެރިންގެ ތަޚުލީލުތަކުން ދައްކައެވެ. އާންމުކޮށް އަތްލާއުޅޭ ފޯނާއި ކީބޯޑާއި ލެޕްޓޮޕުފަދަ ތަކެއްޗަކީ ކޮންމެ ދުވަހަކުވެސް ސާފުކުރަންޖެހޭ އެއްޗެހިކަމަށް ޞިއްޙީ މާހިރުން ލަފާދެއެވެ.
ނަމަވެސް މިފަދަ އަގުބޮޑު ސާމާނު ސާފުކުރުމުގައި ވަރަށް ސަމާލުވާންޖެހެއެވެ. އެއީ ސާފުކުރުމުގައި ހެދޭ ގޯހަކުން އެތަކެތި ހަލާކުމުގެ ފުރުޞަތު ބޮޑުވީމައެވެ.
ފޯނު ސާފުކުރުމުގައި ފޯނުގެ އެތެރައަށް ފެން ނޭޅޭކަން ޔަޤީންކުރަން ވަރަށް މުހިންމެވެ. ފޯނުގެ އެތެރެއަށް ތެތްކަމުގެ އަސަރުކޮށްފިނަމަ މައްސަލަ ޖެހޭނެއެވެ. ސާފުކުރަން ބޭނުންކުރާ ކެމިކަލްތަކާއި ސްޕްރޭތައް ސީދާ ފޯނަށް ނުޖަހާށެވެ. އަދި އެފަދަ ކެމިކަލްގެ ތެރެއަށް ފޯނު ނުލާށެވެ. ކީބޯޑުފަދަ އެއްޗެހި ސާފުކުރުމަށް ބޭނުންކުރާ ވައިދަމާ ވެކިއުމްފަދަ އާލާތްތަކަކީވެސް ފޯނު ސާފު ކުރަން ކަމުދާ އެއްޗިއްސެއް ނޫނެވެ.
އޭގެ ބަދަލުގައި ފޯނު ސާފުކުރަންވީ އެންމެ ރަނގަޅުގޮތަކީ މިއީއެވެ.
އެންމެ ފުރަތަމަ ފޯނު ނިއްވާލާށެވެ. އަދި ޗާޖުކުރާ ކޭބަލާއި އެހެނިހެން ކޭބަލްތައް ހުރީ ފޯނުން އުފުރާފައިކަން ޔަޤީންކުރާށެވެ. ފޯނު ޗާޖަށް ޖަހައިގެން ސާފުކުރުމަކީ ނުރައްކާތެރިކަމެކެވެ.
ބޭސް ފިހާރަތަކުން ލިބެން ހުންނަ ޑިސްއިންފެކްޓަންޓް ވައިޕަކީ ފޯނު ސާފުކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ވައިޕަކީ އަލްކަހޯލް އެކުލެވިފައިވާ ޚާއްޞަ ފޮތިކޮޅެކެވެ. ފޯނު އުފައްދާ މަޝްހޫރު އެޕަލް ކުންފުނިންވަނީ ގޭތެރެ ސާފުކުރަން ގެންގުޅޭ ކެމިކަލް ފޯނު ސާފުކުރުމަށް ބޭނުންކުރުން ރަނގަޅު ނޫންކަމަށް ބުނެފައެވެ. ނަމަވެސް ޑިސްއިންފެކްޓަންޓް ވައިޕްސް ފަރުވާތެރިކަމާއެކު ބޭނުންކުރުން އެންމެ ރަނގަޅުކަމަށް އެކުންފުނިން ބުނެއެވެ. މަޝްހޫރު އޭޓީއެންޓީ ކުންފުނިން ލަފާދެނީ ރަނގަޅަށް ވައިޕްސް ފެލާލުމަށްފަހު ބޭނުންކުރުމަށެވެ.
މީގެ އިތުރުން މަޑު ފޮތިކޮޅަކުންވެސް ފޯނު ސާފުކޮށްލެވިދާނެއެވެ. ބަދިގެ ސާފުކުރަން ބޭނުންކުރާ މައިކްރޯ ފައިބަރ ފޮތިކޮޅެއްވެސް އެންމެ ރަނގަޅުވާނެއެވެ. އައިނާއި ކެމެރާފަދަ ތަކެތީގެ ލޯކޮޅު ސާފުކުރަން ބޭނުންކުރާ ފޮތިކޮޅުވެސް ރަނގަޅުވާނެއެވެ. ތާފަނާ ފެންފޮދެއްގެ ތެރޭގައި ސައިބޯނިކޮޅެއް ގިރުވާލުމަށްފަހު އެފޮތިކޮޅު އޭގެން ތެއްމާލާށެވެ. ބޯ ޓިިޝޫ ނުވަތަ ޕޭޕާރ ޓަވަލްއަަކަށްވެސް އެފެން ބުރުވާލުމަށްފަހު އޭގެން ފޯނު ސާފުކޮށްލެވިދާނެއެވެ. ނަމަވެސް ސީދާ ފޯނަށް މިފަދަ ތަކެތި ނުބުރުވަން ސަމާލުވާށެވެ.
ފޯނު އުފައްދާ މަޝްހޫރު ކުންފުނި، ސެމްސަންގުން ފޯނު ސާފުކޮށްދިނުމުގެ ޚިދުމަތް މިދުވަސްކޮޅު ހިލޭ ކޮށްދިނުމަށްވަނީ ނިންމާފައެވެ. ސެމްސަންގް ފިހާރަތަކުން ޔޫވީ ލައިޓެއް ބޭނުންކޮށްގެން އެޚިދުމަތް ދޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން ޤައުމުތަކުގައިވެސް އެޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.